މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް) ކޯސްޓްގާޑުން އިންޑިއާގެ ނޭވީއާއި ގުޅިގެން ސަވައިލަންސް އޮޕަރޭޝަނެއް ހިންގުމަށް ހަމަޖެއްޖެއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލުމަށް މި މަހު އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ އޮޕަރޭޝަނެކެވެ.

ރާއްޖެއަކީ ކަނޑުގެ މަސްވެރިކަމަށް މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ކަމާ ވަސީލަތްތަކުގެ މަދުކަމުން ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ނަމަވެސް ހޯދައިގަތުމަކީ ކުރިން އޮތް ގޮންޖެހުމެކެވެ. ނަމަވެސް މިހާރު ކޯސްޓްގާޑުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓަމުނެވެ.

އެގޮތުން މިދިޔަ މަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް ލަންކާގެ ހަތަރު މަސްބޯޓު ކޯސްޓްގާޑުން އަތުލައިގެންފައި ވެއެވެ. ކޯސްޓްގާޑުން މައުލޫމާތުދޭ ގޮތުގައި މި ބޯޓުތައް އަތުލައިގެންފައި ވަނީ ހއ ކެލާގެ އިރު އުތުރުން ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ.