ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ބުނެފައި ވަނީ، ކޮންމެ ތަނެއްގައި ހުރި އަދި ކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ތަފާތު ކުރުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ސިއްހަތުގެ ކައުނީ ހިޔާ" އެވެ. މި ޝިއާރުގެ ދަށުން ކޮންމެ ތާކު ހުރި މީހަކަށް ވެސް އިބްތިދާއީ ސިއްހީ ފަރުވާ އެއްވެސް ދަތިކަމަކާ ނުލާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން ހާމަކުރާ ގޮތުގައި، މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ބޭނުމަކީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުންނަށް، މާލީ ދަތިތަކާ ކުރިމަތިލާން ނުޖެހި ފެންވަރު ރަނގަޅު ސިއްހީ ވަސީލަތްތައް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމެވެ. އޭގެ ތެރޭގައި، ރަނގަޅު ސިއްހަތެއް ލިބޭނެ މަގުފަހި ކޮށްދިނުމާއި ބަލިތަކުން ރައްކާތެރި ކޮށްދިނުމުގެ އިތުރުން ބަލިތަކަށް ފަރުވާ ހޯދައި ދިނުން ހިމެނެއެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިއްހަތުގެ ދުވަހެއް ފާހަގަ ކޮށްފައި ވަނީ 1950 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި ދުވަހާ ގުޅުވައިގެން ތަފާތު އެކިއެކި ކެމްޕޭނުތައް ކުރިއަށް ގެންގޮސް، އެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ވެއެވެ.