މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަހެވެ.

ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރަމުން ދަނީ، ދިވެހިރާއްގެ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓުގައި، މި ގައުމުގެ މިނިވަންކަން ދިފާޢުކޮށް ޝަހީދުވެ ވަޑައިގެން އެންމެހާ ޝަހީދުންގެ ހަނދާން އާކޮށް އެ ބޭފުޅުންނަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތު އަބަދަށް ރައްކާތެރި ކޮށްދެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ.

މި ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު، އޭރު ރާއްޖޭގެ ތަހުތުގައި އިންނެވި އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުން (އަލިރަސްގެފާނު) ރާއްޖޭގެ މިނިވަން ކަމުގެ ހައްގުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވާ ޝަހީދު ވެވަޑައިގެންފައި ވާތީއެވެ.

ދިވެހި ތާރީހުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދު ވުމާ އެކު އެދުވަހު ދިވެހިންގެ ކޯއްޓޭއަށް ޕޯޗުގީޒުގެ ދިދަ ނަގާފައިވެއެވެ. ޕޯޗިގީޒުންގެ ވެރިއަކަށް އޭރު ހުރީ އަނދިރި އަނދިރީންނެވެ. ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކޮށްދެއްވީ، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނެވެ.