ސ.ފޭދޫގައި ސައިކަލެއްގައި ރޯކޮށް އަންދާލައިފިއެވެ.

ރޭ ފަތިހު 04:50 ހާއިރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފޭދޫ ބޯޅަ ދަނޑު ކައިރީ ސައިކަލެއްގައި ރޯކޮށްލާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އަންދާލާފައިވާ ސައިކަލަކީ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއް ކަމަށާއި ސައިކަލު އަންދާލީ ގެއިން ބޭރަށް މަގުމައްޗަށް ސައިކަލު ނެރުމަށްފަހުއެވެ.

ރޯކޮށްލާފައިވާ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކަށް ބަލާއިރު، މިދިޔަ މަހު 21ގައި މާފަންނު އިހުސާން ފިހާރަ ކައިރީ ޕާކް ކޮށްފައިހުރި ހަތް ސައިކަލެއްގައި ރޯކޮށްލާފައިވެއެވެ. އަދި މި ހަތް ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.