ފިލްމް "ކަލާންކް"ގެ ޕްލޮޓަކީ، މުސައްނިފު ޝުއާނާ ސިންހް ބޯލްޑްވިންގެ މަޝްހޫރު ވާހަކަފޮތް " ވަޓް ދަ ބޮޑީ ރިމެމްބާޒް"އިން ނަގާފައިވާ ޕްލޮޓެއް ކަމަށް މީޑިއާގައި ކުރަމުންދާ ތުހުމަތުތަކަށް، ފިލްމު '"ކަލާންކް"ގެ މައިގަނޑޫ 6 ކެރެކްޓަރުގެ ތެރެއިން އެއް ރޯލުން ފެނިގެންދާ ބަތޮލާ ވަރުން ދާވަން އިންކާރުކޮށްފިއެވެ.

ވަރުން ދާވަން ބުނީ އެބުނާ ވާހަކަފޮތެއް އޭނާ އަދި ނުކިއަން ކަމަށާ، ފިލްމު "ކަލާންކް"ގެ ޕްލޮޓަކީ ތަފާތު ފަށަލަތަކަކަށް ބަހާލެވިފައިވާ ޕްލޮޓެއް ކަމަށާ، ފިލްމުގެ ހަގީގީ ވާހަކަ އެނގޭނީ މުޅި ފިލްމު ބަލައިގެން ކަމަށެވެ. ފިލްމު "ކަލާންކް"ގެ މައިގަނޑު ވާހަކަ ބިނާވެފައި އޮތީ "ވަޓް ދަ ބޮޑީ ރިމެމްބާޒް"ގެ ވާހަކައިގެ މައްޗަށްކަމަށް ބުނެވެން އޮތް ކަމަކަށް ގަބޫލުނުކުރާ ކަމަށާ، އެހެނީ، ފިލްމުގެ ހަގީގީ ޕްލޮޓް، އެއްވެސް އިސްތިހާރެއްގައި އަދި އާންމުކޮށްފައި ނުވުން ކަމަށްވެސް ވަރުން ދާވަން ވަނީ ބުނެފައެވެ.

ފިލްމު "ކަލާންކް"ގައިވެސް ލޯބީގެ ވާހަކަތަކެއް ހިމެނޭނެ ކަމަށާ، ނަމަވެސް މުޅި ފިލްމުގައި އެނޫން އެތައް ކަމެއް އޮންނާނެ ކަމަށް ވަރުން ދާވަން ވަނީ ވަކާލާތުކޮށްފައެވެ. އަދި މިކަމުގައި ބެލުންތެރިން ގޮތެއް ނިންމަވީ މުޅި ފިލްމު ބަލާ ނިމިގެން ކަމަށްވެސް ވަރުން ދާވަން ވަނީ ބުނެފައެވެ.

"ކަލާންކް"އަކީ ކޮޕީއެއް ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ރިޕޯޓްތަކުގައިވާ ގޮތުން، ފިލްމުގައި ބޭނުންކޮށްފައިވާ ނަންތަކަކީ "ވަޓް ދަ ބޮޑީ ރިމެމްބާޒް" ވާހަކަ ފޮތުގައިވެސް ކެރެކްޓަރުތަކަށް ދީފައިވާ ނަންތަކެވެ. މިކަމަށް ރައްދު ދެމުން ވަރުން ދާވަން ބުނީ، ވާހަކަފޮތުގައި ހުރި ނަންތަކެއް އޭނާއާށް ނޭނގޭ ކަމަށާ، ނަމަވެސް އެއްގޮތްވި ނަމަ އެއީ އިއްތިފާގެއް ކަމަށެވެ. އެހެނީ މީހަކު އެއްޗެއް ކޮޕީއިރު، އެފަދަ ގޮތަކަށް ނަންތައް ބޭނުން ކުރުމަކީ "ބޯހަމަނުޖެހޭ" ގޮތެއް ކަމަށްވެސް ވަރުން ވަނީ ސިފަކޮށްފައެވެ.

"ކަލާންކް"ގެ ޕްރޮމޯ ނެރުމުގެ ކުރިން ކަރަން ޖޯހަރު ބުނީ، މި ފިލްމަކީ މީގެ 15 ވަރަކަށް އަހަރު ކުރިން އޭނާގެ ހިތާ ސިކުނޑީގައި އުފެދިގެން އައި ފިލްމެއް ކަމަށް ބުނެފައެވެ.

މަދޫރީ ދިކްޝީތު، ސަންޖޭ ދަތު އަދި ކުނާލް ކެމޫގެވެސް އެކްޓިންގް ފެނިގެންދާ ފިލްމު "ކަލާންކް"ގެ ޑައިރެކްޓަރަކީ އަބީޝޭކް ވަރުމާންއެވެ. ތިއޭޓަރުތަކުގައި މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ.