ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުން މާރާމާރީއާއި ވައްކަމާއި ހިޔާނާތަށް ހިތްވަރު ދިން ކަަމަށާއި، ގައުމު ނިކަމެތިކަމުގެ ތެރެއަށް ވެއްޓުނު އިރު ކުރީގެ ވެރިން ތިއްބެވީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރައްވަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

"އެޖެންޑާ19" ކެމްޕޭން ޖަލްސާ ނިންމުމުގެ ގޮތުން އެމްޑީޕީން ބަރިޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ހަތް އަހަރު ކަން ވީގޮތަށް ބަލާއިރު، ދިވެހިރާއްޖެ އޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. ބޮޑެތި މާރާމާރީތަކާއި ވައްކަމާއި ހިޔާނާތް އާންމުވެ، އެކަންކަން ވެފައި އޮތީ ސަރުކާރުން ހިތްވަރުދޭ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވެ އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމްވެ ގައުމުގެ ހާލަތު އިންތިހާއަށް ދަށަށްގޮސްް އާއިލާތައް ބިކަވުން ކަމަށެވެ. އަދި ޒުވާނުންގެ މުސްތަގުބަލަށް ބަނަވެ ތައުލީީމް ހާސިލް ކުރެވޭނެ ގޮތެއް ނެތިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމުގެ މުސްތަގުބަލާމެދު ރައްޔިތުން އިންތިހާއަަށް މާޔޫސްވެގެން ދިޔަ. ދިވެހިރާއްޖެ މި ނިކަމެތިކަމުގެ ތެރެއަށް ވެއްޓެމުން ދިޔައިރު، ސަރުކާރުގެ ވެރިން ތިބީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަން" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ އެދުވަހު ވެސް އޮތީ އިންތިހާބެއް ކަމަށާއި، ހޮނިހިރު ދުވަހު ވެސް އަނެއްކާ ވެސް މި ބާއްވަނީ އިންތިހާބެއް ކަމަށެވެ. އަދި މި ދެ އިންތިހާބުގެ ތަފާތަކީ މިނިވަން ކަމާއެކު ވާދަވެރި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް މިހާރު ލިބިގެން ދިއުން ކަމަށެވެ.

"ތަފާތަކީ ފުލުހުންނާއި ސިފައިން ބޭނުން ކޮށްގެން އިދިކޮޅު އެންމެ ކެންޑިޑޭޓަކަށް ވެސް ބިރުދައްކާފައި ނުވާކަން. ތަފާތަކީ ތިއިން ކޮންމެ ބޭފުޅެއްގެ ކެމްޕޭން ޕޯސްޓަރު އަޅުގަނޑު ދާ ކޮންމެ ރަށެއްގައި ވެސް ފެންނަން ހުންނަކަން. އެދުވަހު ކަންއޮތީ އެހެނެއް ނޫން. ވާދަވެރި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް. އަޅުގަނޑުމެން ކެމްޕޭން ކުރަމުން ދިޔައީ އިދިކޮޅު ސިޔާސީ ޕާާޓީތަކުގެ އޮފީހަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް ވަދެގަންނާނެ ކަމުގެ ބިރުވެރި ކަމާއެކު" ރިޔާސީ އިންތިހާބުގެ ކުރިން އޮތް ހާލަތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއިރު، އީސީގެ މައްޗަށް އޮތީ ނުފޫޒާއި ބިރުދެއްކުން ކަމަށާ، މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިންނަށް އިންތިހާބު އޮބްޒާވް ކުރުމުގެ އެއްވެސް މިނިވަންކަމެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ މީޑިއާ އޮތީ ވަކި ބަޔަކަށް ބުރަވެ، ދައުލަތުގެ ޕްރޮޕެގެންޑާ ނޫން އެއްވެސް ހަބަރަކަށް ފުރުސަތު ނެތް ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ ހޮނިހިރު ދުވަހު މި ބާއްވާ އިންތިހާބަކީ މިވީ ހަތް އަހަރު ތެރޭ، ހުރިހާ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއި ހަމަހަމަ ކަމާއެކު ކެމްޕޭން ކުރުމަށް ލިބުނު ފުރަތަމަ އިންތިހާބު ކަމަށެވެ. އަދި މިފުރުސަތު ލިބުނީ ހުރިހާ ރައްޔިތުންގެ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.