މި އަހަރު ފެށްޓުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން 20 މަޝްރޫއަކަށް 14.52 މިލިއަން ޑޮލަރުގެ އެހީ އޯފިޑް ފަންޑުން ދިންކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓަރަކްޗާ އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މަޝްރޫއުތަކުގެ އެޕްރެއިސަލް މިޝަން މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ނިންމާފައިވާއިރު މި މަޝްރޫއުތަކަށް ބިޑް ކުރުމުގެ މަރުހަލާ މި އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށެވެ.

އޯފިޑުން ފަނޑުކުރަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އަށް ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމާއި ހަތް ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އިތުރުން ފަސް ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ހިމެނެއެވެ.

ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ހަމަޖެހިފައިވާ އަށްރަށުގެ ތެރޭގައި ހދ އަތޮޅުން މަކުނުދޫއާއި ނެއްލައިދޫއާއި ނޭކުރަންދޫއާއި އަދި ށ.ފޭދޫ އާއި ބ އަތޮޅުން ދަރަވަންދޫއާއި ކެންދޫގެ އިތުރުން ގދ އަތޮޅުން ފިޔޯރީއާއި ވާދޫ ހިިމެނެއެވެ.

ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ހަތް ރަށުގެ ތެރޭގައި ހދ އަތޮޅުން މަކުނުދޫއާއި، ނެއްލައިދޫއާއި، ނޭކުރަންދޫ އަދި ށ.ފޭދޫއާއި ބ.ކެންދޫގެ އިތުރުން ގދ އަތޮޅުން ފިޔޯރީއާއި ވާދޫ ހިިމެނެއެވެ.

އަދި ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ފަސް ރަށުގެ ތެރޭގައި ބ އަތޮޅުން ދޮންފަނު، ކިހާދޫ އަދި ކުުޑަރިކިލުގެ އިތުރުން ގއ.ކޮލަމާފުށްޓާއި ގދ.ހޯޑެއްދޫ ހިމެނެއެވެ.