މި ދުވަސްވަރަކީ އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވާތީ އިންފުލުއެންޒާ އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އިންފްލުއެންޒާ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މި ވައިރަސް ޖެހިގެން ނުރައްކާވެދާނެ ފަރާތްތަކުން މި ވެކްސިން ޖެހުމަށް އިސްކަން ދިނުމަށެވެ. އޭގެތެރޭގައި މާބަނޑު މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ ފަރުވާ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެކި ސަބަބުތަކާހުރެ ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. އަދި ޑަޔާލިސިސް ހަދަމުންދާ މީހުންނާއި ނޭވާލާ ނިޒާމުގެ ބައްޔަކަށް ފަރުވާ ކުރާ އުމުރުން ތިން އަހަރުން މަތީ މީހުން އަދި އުމުރުން 65 އަހަރަށްވުރެ މަތީ މީހުންނާއި ހަ މަހާއި ހަ އަހަރާ ދެމެދު ކުދިންގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން ހިމެނެއެވެ

އެޗްޕީއޭ އިން ވެކްސިން ޖެހުމަށް އިލްތިމާސްކުރީ ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުރިއަށްއޮތް ދުވަސްވަރުގައި އިންފުލުއެންޒާ ރޯގާ އިތުރުވެދާނެތީ މި ބަލިން ރައްކާތެރިވުމަށް ކަމަށެވެ. އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާ ވައިރަސް އަކީ އޭގެ ޒާތުގައި އަބަދުވެސް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އަންނަމުންދާ ވައިރަސްއަކަށްވާތީ މި ބަދަލުތަކަށް ބަލާ ކޮންމެ ހަ މަހަކުން އާ ވެކްސިނެއް އުފައްދާތީ ކޮންމެ އަހަރަކު އެއްފަހަރު މި ވެކްސިން ޖަހަން ޖެހޭ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި ވެކްސިން މިހާރު އޭޑީކޭ ފާމަސީން އަދި އެސްޓީއޯ ފާމަސީން ވެސް ލިބެން ހުންނާނެކަމަށެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ޑެންގޫ އަދި ޗިކަންގުންޏާ ފަދަ ބަލިތައް ފެތުރޭ އަދަދު ވަނީ އިތުރުވެފައެވެ. މި ބަލިމަޑުކަމާއި ހެދި، މި އަހަރު ތެރޭގައި ބައެއް ރަށްތަކުގެ ސްކޫލްތަކުގެ ކިޔެވުން ވަގުތީ ގޮތުން ދެތިން ދުވަހަށް މެދު ކަނޑާލުމަށްފަހު އަލުން ކިޔަވައިދޭން ފަށާފައިވެއެވެ. މިހާރަކަށް އައިސް އަވަސް އަވަހަށް ކުދިން ބަލިވަމުން އައުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެކަމާއި މެދު ފިޔަވަޅު ނާޅާތީ ބައެއް ބެލެވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަނުން ފިޔަވަޅު ނާޅަނީ ކީއްވެތޯ ސުވާލު ކުރުމުން އެ މިނިސްޓްރީން ބުނީ އެއްވެސް ފިޔަވަޅެއް ނާޅަނީ އެޗްޕީއޭ ފަދަ އެޖެންސީއަކުން ރަސްމީ ގޮތުގައި އަންގާފައި ނުވާތީކަމަށެވެ.