އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ އިންޓަނޭޝަނަލް ޓާމިނަލް ބަންދުވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ބަންދު ކުރުމަށް ނިންމީ އެ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ގުޅިގެން ކަމަށް އެމްޕީއެލުން ބުނެއެވެ. އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އަންނަ އާދިއްތަ ދުވަހު ހެނދުނު 7:30 އިން ފެށިގެން ކުރިއެކޭ އެއްފަދައިން ދޭން ފަށާނެކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ހޮނިހިރު ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ވޯޓް ލުން އޮންނާނީ ހެނދުނު އަށަކުން ހަވީރު ހަތަރަކާ ހަމައަށެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިހާބު ކުރާ އިރު މަޖިލިސް އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން ސިނާއީ ސަރަހައްދުތަކުގައި ހަތަރު ފޮށި ބަހައްޓާ އިރު، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ޖަލުގައި ފަސް ފޮށި އަދި ރާއްޖޭން ބޭރުގައި އަށް ފޮށި ބަހައްޓާނެއެވެ. އަދި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 307 ވޯޓުފޮށި އަދި މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލްކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެއެވެ.
މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.