ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފިރިހެން ކެންޑިޑޭޓެއްގެ ކެމްޕޭންގައި އަންހެން ކެންޑިޑޭޓެއްގެ އަބުރާ ބެހުމަކީ ނާތަހުޒީބު ކަމެއްކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަދި ހެންވޭރު ދެކުނު ދާއިރާގެ ކެންޑިޑޭޓް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިރުތިޝާމް ވިދާޅުވީ އަންހެން ކެންޑިޑޭޓެއްގެ އަބުރާ ބެހުމަކީ ރައްޔިތުންގެ މަޖިލީހަށް އެ ކެންޑިޑޭޓެއްގެ ކުފޫ ހަމަ ނުވާކަން ހާމަވާކަމެއް ކަމަށެވެ.
އިރުތިޝާމްގެ މި ބަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮން ކެންޑިޑޭޓަކަށް ކަން އެނގިފައި ނުވާ އިރު، ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އަންހެން ކެންޑިޑޭޓެއްގެ އަބުރާ ބެހިފައިވާ ވާހަކަތަކެއް މީޑިއާތަކުގައި އާންމުވެފައިވެއެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލާ ހިސާންގެ ހުސެއިން ކުޑަކުދިންތަކަކަށް އަނިޔާ ކުރި ވާހަކަތަކެކެވެ.
ހިސާންގެ ގޭގައި ކުރިން ކިޔަވަން އުޅުނު ބ.ތުޅާދޫ ކުއްޖެއް ކަމަށްވާ އަނަސް އަހްމަދު ރައީސް އޮފީހަށް ހުށަހެޅި ސިޓީއެއްގައި އެގޭގައި ކިޔަވަން ތިބި ތިން ފިރިހެން ކުދިންނަށާއި، ދެ އަންހެން ކުއްޖަކަށް އެކި ކަހަލަ ތުރާތައް ކުރިމަތި ކުރުވި ކަމަށް ބުންޏެވެ. ނަމަވެސް ހިސާން ވަނީ މިވާހަކަތައް ދޮގުކޮށް އެކަހަލަ އަނިޔާވެރި ކަމެއް ދުވަހަކުވެސް ނުކުރާނެކަމަށް ވިދާޅުވެފައެވެ.
އޭގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކުފޫ ހަމަނުވާ ކަމަށްބުނެ ކެންޑިޑޭޓަކު ދެއްކި ވާހަކަތަކެއް ވެސް ވަނީ މީޑިއާތަކުގައި އާންމު ވެފައެވެ. އެގޮތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ މަރުވެފައިވާ މީހުންނާ ބެހުމަކީ ކެންޑިޑޭޓުންގެ ކުފޫ ހަމަނުވާ ކަމުގެ ހެއްކެއް ކަމަށެވެ.
ރުކުމާ މިހެން ވިދާޅުވީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންނަކީ ބަސްމަގު ރިވެތި އަހްލާގު ރަނގަޅު ބަޔަކަށް ވާން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވުމާ ގުޅިގެންނެވެ. ރުކުމާ ވިދާޅުވީ ޑރ. އިޔާޒްގެ ވާހަކަތަކަށް ތާއީދުކުރާ ކަމަށާއި، ވާދަވެރިއަކު އޭނާގެ ބައްޕައާއި ބެހި ހުތުރު ބަހުން މުއާމަލާތް ކުރުމަކީ ކުރިމަތި ލައިގެން ހުރި މަގާމަށް ކުފޫ ހަމަނުވާ ކަމުގެ ހެއްކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ދެ ދުވަހަށް ވެފައިވާއިރު އިންތިހާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕޭންވެސް ކުރިއަށް ދަނީ ވަރަށް ފޯރި ގަދަކޮށެވެ. އަދި ބައެއް ކެންޑިޑޭޓުން ދަނީ އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެއެވެ. ކެންޑިޑޭޓުން ކެމްޕޭން ކުރުމުގެ ފަހު ގަޑިއަކީ މާދަމާ، (ހުކުރު ދުވަހު) ހަވީރު ހައެއް ޖަހާއިރަށް ވީއިރު ހުރިހާ ކެންޑިޑޭޓުން ކޭޕެނު ކުރަމުން ދަނީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ.