މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ، މުޅި މި ސަރަހައްދުން ވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އެންމެ ސާފު ބޯފެން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑަބްލިޔޫއެސްސީގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ ރައްކާތެރި ސާފު ފެން ބޯން ފަށައިފި ނަމަ، ހަރަދު ކުޑަކުރެވޭނެ ކަމަށާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެވޭނެކަމުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ބޯފެން އުފެއްދުމުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާ މެދު ވިސްނުމަށް އެދި ވަޑައިގަންނަވާފައެވެ. އަދި ވާރޭ ފެން ރައްކާ ކުރުން ފަދަ، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
އަދި ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއް އަމާޒަކީ ރައްޔިތުން ބޯފެނަށް ކުރަންޖެހޭ ހޭދައާއި އުފުލަންޖެހޭ ތަކުލީފް ކުޑަކުރުންކަމަށާއި، ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހާވެސް މަދުކުރުން ކަމަށެވެ.
މިއަދު ފެށުނު މަޝްރޫއުއަކީ ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމުގައި ވެސް ރައީސް ވިދާޅު ވިއެވެ.
ހަމަ އެފެން. ދައުރު ބަދަލު ވީ އެވަރެއް ނެތް.