މީޑިއާގެ މިނިވަންކަން ނަގާލަން ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީން ނިކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސޯލިހް މިހެން ވިދާޅުވީ، ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމެއްގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަން ފާސްކޮށްފަ =އެވެ. އަދި "ސަރުކާރު ހަމަ މަގަށް އެޅުވެންދެން" މި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވެސް ވަނީ ފާސްކޮށްފަ
މި ގަރާރަށް ތާއީދު ކުރައްވާ ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ މީޑިއާގެ މިނިވަން ކަން ނަގާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސޯލިހު ވިދާޅުވީ، ސަރުކާރުން މަަސައްކަތް ކުރަނީ ސީދާ މިނިވަން ނޫސްވެރިކަން މަރާލަން ކަމަށެވެ. އަދި މީޑިއާތައް "މާރާލަންވީ ގޮތް" ވެސް ބައެއް މެންބަރުން ވިދާޅުވަމުންދާ ކަން ސޯލިހް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މިކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީން އިސްވެ ނުކުންނަން ޖެހޭ ކަމަށާއި މި ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން މި ގަރާރާ އެއްގޮތަށް ފަހަތަށް ނުޖެހި ނިކުތުމަށް ސޯލިހް ވަނީ ގޮވާލައްވާފައެވެ. ސަރުކާރު ޖަވާބުދާރީކުރުވަން ނިކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، ސަރުކާރާ ދެކޮޅަށް އަންނަ ބުދަ ދުވަހު އެމްޑީޕީން ފަށާ ސިލްސިލާ މުޒާހަރާތަކުގެ އެންމެ ކުރީގައި ހުންނަވާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.
އެ ގަރާރުގައި ވަރަށް ސާފުކޮށް މިއަދުގެ ގައުމުގެ ހާލަތު ބަޔާންކޮށްފައިވާ ކަމަށާއި، ވަކި ދާއިރާއެއް ނެތި ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ސޯލިހް ފާހަގަ ކުރެއްވިއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އެމްޑީޕީގެ ފަރާތުން ރައްޔިތުން ކުރާ އުންމީދެއް އޮންނަ ކަމަށާއި އެއީ އެފަދަ ކޮންމެ ކަމެއްގައި ބަސްބުނެ އަޑުއުފުލައި ނިކުންނަ ޕާޓީއަކީ އެމްޑީޕީ ކަމަށް ސޯލިހް ވިދާޅުވިއެވެ.
މިއަދު މިއޮތީ އެ ހާލަތު ކަމަށާއި މި ސަރުކާރަށް މިވީ މުއްދަތުގައި ރާއްޖޭގެ ހާލަތާމެދު ކަންބޮޑުނުވާ އެއްވެސް މީހަކު ނެތް ކަމަށް ސޯލިހް ވިދާޅުވިއެވެ. ބޭރު ގައުމުތަކުގައި ތަކެތީގެ އަގު މައްޗަށް ނުދާ ދަނޑިވަޅެއްގައި ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައި ވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ސޯލިހް ވިދާޅުވިއެވެ. މިކަންކަމުގައި ސަރުކާރުން އެދެވޭ ޖަވާބުތަކެއް ވެސް ނުދޭ ކަން ސޯލިހް ފާހަގަ ކުރެއްވިއެވެ.