ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
ރިފްއަތު އޭސީސީއަށް ހާޒުރުވާންޖެހޭކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ހާޒިރުވާން ރިފްއަތުއަށް ވެސް އަންގާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއްގެ ގޮތުގައި ސިފަ ކުރައްވާ ސޯލިހު ވަނީ، ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
"ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ސޯލިހު ވިދާޅުވި އެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު ދާދި ފަހުން ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީވެސް ވަނީ އޭސީސީގެ ތަހުގީގަށް ހާޒިރުކޮށްފައެވެ.
ފައްޔާޒަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތެވެ.
މި މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ސޯލިހު ވަނީ އެ ފަރާތްތަކުން އޭސީސީއަށް ހާޒިރު ކުރަނީ ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަން ކަމަށް ވެސް ސޯލިހު ވިދާޅުވެފައި ވެއެވެ.