ޗައިނާއިން ތައާރަފުވެގެން އައި މިއުޒިކްވީޑިއޯ އެޕްލިކޭޝަން "ޓިކް-ޓޮކް"އަކީ ޕޯނޯގްރަފީ ނުވަތަ އޮރިއާންކާޑަށް މަގުފަހިކުރާ އެޕްލިކޭޝަނެއް ކަމަށް ބުނެ، އިންޑިއާގައި އެ އެޕްލިކޭޝަން ބޭނުން ކުރުން މަނާކުރުމުގެ އަމުރެއް ނެރުމަށް އިންޑިއާގެ ހައިކޯޓަކުން މަސައްކަތް ކުރަމުން އެބަދެއެވެ.

ދިވެހިންގެ ތެރޭގައިވެސް މި ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޓިކް-ޓޮކް" އެޕްލިކޭޝަނަކީ، އޮރިއާންކާޑު ބެލުމުގެ ފުރުސަތު ކުޑަކުދިންނަށްވެސް ފަހިކޮށްދޭ އެޕްލިކޭޝަނެއް ކަމަށް މެޑްރާސްގެ ހައިކޯޓުން ވަނީ ބުނެފައެވެ.

ކުރުކުރު މިއުޒިކް ވީޑިއޯތައް އަމިއްލައަށް ތައްޔާރުކޮށް، އެޑިޓްކޮށްގެން ޕޯސްޓްކުރުމުގެ ފަސޭހަ މަގެއްގެ ގޮތުގައި ތަނަސްވެސްފައިވާ "ޓިކް-ޓޮކް" ޕްލެޓްފޯމަކީ، އޮރިއާންކާޑުގެ އިތުރުން ސަގާފީ އާދަތައް ކިލަނބުކޮށް، ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ، އަމިއްލައަށް މަރުވުމަށް ފުރުސަތު ހުޅުވާ ޕްލެޓްފޯމެއް ކަމަށް އިންޑިއާގެ ހައިކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަނެއްގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި "ޓިކް-ޓޮކް" ބޭނުން ކުރާ ބިލިއަނަކަށްވުރެ ގިނަ ޔޫޒާ އެކައުންޓް އޮތްއިރު، މިއީ އިޖުތިމާއީ ގިނަ މައްސަލަތަކެއްވެސް އުފައްދާ އެޕްލިކޭޝަނަކަށް އޮތީވެފައެވެ.