އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ބައެއް ފަރާތްތަކުން އިންތިހާބު ފަސްކުރަން މަސައްކަތް ކުރާ ކަމުގެ ހަބަރުތަކެއް ލިބެމުންދާ ކަމަށާއި، އީސީން އޮތީ އެކަމަށް ތައްޔާރު ވެގެން ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމަށް އެދި މިހާތަނަށް ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަމުގެ މައުލޫމާތެއް އެއްވެސް ގޮތަކަށް ލިބިފައި ނުވާ ކަމަށެވެ.

"6 އެޕްރީލްގައި ބޭއްވުމަށް ކަނޑައަޅާފައިިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ޖެހެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް. ސަބަބަކީ ގާނޫނުން އިންތިހާބު ލަސްކުރަންޖެހޭ ކަމެއް ނޯންނާނެ. ގާނޫނުގައި ވާގޮތަށް އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދީގެން، ކަންކަމުގައި ގާނޫނުން ކަނޑައަޅާފައިވާ ތާރީހުތަކާއި، ގާނޫނުން ކަނޑައަޅާފައިވާ މުއަދަތާއި ވީހާވެސް ކައިރި ނުވެ މަސައްކަތް ކުރަމުން މިދަނީ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގާނޫނޫގައި އޮތްކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކުރާކަމަށް ބުނެ، އިންތިހާބު ލަސްކުރަންޖެހޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ނުވެސް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކެންޑިޑޭޓުންނަަށް ނުވަތަ ޕާޓީތަކަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭކަމަށް ބުނެ އިންތިހާބު ފަސްކުރަން މަސައްކަތް ކުރުމަކީ އީސީގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އީސީން ކެންޑިޑޭޓުންނާއި ޕާޓީތަކަށް ގާނުނުގައި އޮންނަ ގޮތުގެ މަތިން ކެމްޕޭން ކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި، ކެމްޕޭން ނުކުރެވުމަކީ އެ ބައެއްގެ މައްސަލައެއް ކަމަށެވެ.

"ގާނޫނުގައި ކަނޑައެޅިފައި އިންނަ 30 ދުވަހުގެ މުއްދަތު ޕާޓީތަކާއި ކެންޑިޑޭޓުންނަށް ވާނީ ދެވިފައި. ދެން އެބޭފުޅުން ކެމްޕޭން ކުރުމާއި ނުކުރުން އެއީ އަޅުގަނޑުގެމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން އެބޭފުޅުންނަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ނުދީ އޮތްނަމަ އެއީ ގާނުނީ ގޮތުން އަޅުގަނޑުމެން ޒިންމާ އުފުލަން ޖެހޭ ކަމެއް. ދެން އެއްވެސް ފަރާތަކުން ކެމްޕޭން ނުކުރައްވާ ކަމުގައި ވާނަމަ އެއީ އޭގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން ނަގާކަށް ނުޖެހޭނެ" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި އުޅޭ ބައެއް ފަރާތްތަކަށް ރީރަޖިސްޓާ ކުރުމުގެ ފުުރުސަތު ހުޅުވާނުލެވިފައިވާތީ ކަމަށް ބުނެ، އެފަރާތްތަކަށް ފުރުސަތު ދިނުމަށްޓަކައި ބައެއް ފަރާތްތަކުން އިންތިހާބު ލަސްކުރުމުގެ މަސައްކަތް ކުރާކަމުގެ ހަބަރުތަކެއް ލިބިފައިވާ ކަމަށާއި، އެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ވަރަށް ރަނގަޅަށް އެފަދަ ކަންތައްތަކުގައި ވެސް ގާނޫނޫގައިވާ ތާރީހުތަކާއި، ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތާއި އަދި ރީރަޖިސްޓާ ކުރުމަށް ހުޅުވާލި މުއްދަތާއި އެކަމަށް ގާނޫނީގޮތުން ވަރަށް ރަނގަޅަށް ތައްޔާރުވެފައި" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބަށް ވާންޖެހޭ 99 ޕަސެންޓްގެ ތައްޔާރީ ނިމިފައިވާ ކަމަށެވެ. އަދި ނުނިމި ހުރި މަސައްކަތަކީ ޑިސްޕެޗް ކުރުމާއި އަތޮޅު ތެރޭގައި މަރުކަޒުތައް ތައްޔާރުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުން އިންތިހާބެއް ބާއްވަނީ ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްފައި ކަމަށާއި، އެހެންކަމުން އިންތިހާބު ފަސްކުރުމަށް ހިތްވަރު ދިނުމަކީ އީސީން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން އިންތިހާބު ފަސްނުކުރުމަށް "ފައިޓް" ކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.