އަންނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން ޒަމީރު ވިދާޅުވީ، އަންނަ އަހަރު އިގުތިސޯދީ ދުވެލި 5.3 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިދިގެން އަންނަ ދެ އަހަރު ތެރޭ އިގުތިސޯދީ ކުރިއެރުން އެވްރެޖުކޮށް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 4.9 ޕަސެންޓުގައި ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރާއި މެދުރާސްތާގައި ވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައް ވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެ ކަމަށް ބެލެވޭ ހަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓް އިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސޯދުގެ ވަރުގަދަ ބިންގާގެ މައްޗަށް ބިނާކޮށް، 2026 ވަނަ އަހަރު ދިވެހި ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ހުންނާނެ ކަމަށް ލަފާ ކުރެވެނީ 40.4 ބިލިއަން ރުފިޔާގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއާ އަލާ ބަލާއިރު 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.
މި އަހަރު އާމްދަނީ އިތުރު ކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާ އިރު، އާމްދަނީ އިތުރު ކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދީ އާރޯކަން ގެނައުމަށް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
ނަމަވެސް ޓެކުހުގެ ގާނޫނުތައް ތަންފީޒު ކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައި ދިނުމާއެކު، މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، 2026 ވަނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައި ވެއެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވޭ ކަމަށާއި މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
