މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގެ ގޮތުގައި 860 މިލިއަން ޑޮލަރު ހުރި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަަހަޅަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ބަޔާން އިއްވަމުންނެވެ.

ޒަމީރު ވިދާޅުވީ، މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށެވެ. އެކްސްޓާނަލް ސެކްޓާ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން ޑޮލަރު އެބަހުރި ކަމަށް ޒަމީރު ވިދާޅުވިއެވެ. އެއާއެކު 200 މިލިއަން ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް މެކްރޯ އިކޮނޮމިކް އަންސްޓޭބަލް ހާލަތުން ވީއްލި، ދިވެހި ސަރުކާރުން ދަރަނި، ވަކިން ހާއްސަކޮށް ބޭރުގެ ދަރަނި ގަޑިންގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން އަލުން ހޯދާފައި ވީ ނަމަވެސް، އަންނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން ޑޮލަރު ދެއްކުމުގެ ޒިންމާ އޮތް އަހަރެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވާ އިރު އާންމު ދިވެހި ރައްޔިތުންނަށް އަދި އެކްސްޓާނަލް އޮބްޒާވަރުންގެ މެދުގައި ދިވެހިރާއްޖޭގެ މާލީ މުސްތަގްބަލާ މެދު ނުތަނަވަސްކަން އިހްސާސްވާނެ ކަމަށް ޒަމީރު ފާޙަގަ ކުރެއްވިއެވެ.

އެހެންކަމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގައި މިކަމަށް މާލީ ވުޒާރާއިން ވިސްނައި، ފިސްކަލް ޕޮލިސީ އެކަށައެޅުމުގައި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާ އެކީ މެކްރޯ ފިސްކަލް ސްޓެބިލިޓީ ގާއިމްކުރުމަށްޓަކައި މުހިންމު ފިސްކަލް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތުގެ އޮޕަރޭޝަނަލް އަމާޒުތަކެއް މި ބަޖެޓާ އެކީގައި މަޖިލީހަށް ވާނީ ހުށަހަޅާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.