މިވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް ކަމުގެ ޔަގީންކަން ފުލުހުންނަށާއި ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަން ކަމާއެކު އަމަން އަމާންކަން ގާއިމުކުރުމުގެ ފުރިހަމަ އިހްތިޔާރު ފުލުހުންނަށް ދެއްވައިގެން ކަމަށެވެ. އަދި މިވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް ކަމުގެ ޔަގީންކަން ހުރިހާ ފުލުހުންނަށާއި ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ ސަބަބުތައް ކަމަށާއި، އެކަން ކަމުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ފުލުހުންގެ މުއައްސަސާގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައި ކަމަށެވެ.

އެހެންނަމަވެސް މިފަހަކަށް އައިސް، ފުލުހުން ސާބިތު ކޮށްދެމުންދާ ޕްރޮފެޝަނަލިޒަމާއި، ގައުމީ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން، އެ އިތުބާރު އަލުން އަނބުރާ ފުލުހުންނަށް ލިބެން ފަށާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ ދާހިލީ ހަމަޖެހުމާއި އަމަން އަމާންކަން ބިނާވެފައި އޮންނާނީ އެގައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރި ކަމުގެ މައްޗަށް ކަމަށާއި، ދިވެހި ފުލުހުންނަކީ އަބަދުވެސް ގާނޫނު ތަކަށް ހުރުމަތްތެރިކޮށް ހިތާ ގާނޫނީ އިމުގެ ތެރޭގައި ހިދުމަތް ދޭ ބަޔަކަށް ހެދުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ފުލުހުންވެސް، ތެދުވެރިކަމާއި ވަފާތެރި ކަމާއެކު މަސައްކަތް ކުރަންވީ، ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސް ދިނުމަށް ކަމަށެވެ. އަދި ތަރައްގީ ހަލުވިވެ އިގްތިސޯދު ކުރިއަރައި ދިޔުމަށް ވެސް، ބޭނުންވާ އެންމެ މުހިންމު ކަމަކީ، ގައުމުގެ ހަމަޖެހުމާއި އަމާންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިވީ ދުވަސްތަކުގައި އެންމެ ހެޔޮ ބަދަލެއް އައިސްފައިވަނީ ފުލުހުންގެ މުއައްސަސާއަށް ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމުގެ މި ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ އަޅުގަނޑު ފާހަގަަކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ ދުވަހު ފަށްޓަވާފައިވާ ކަމަށާއި އެގޮތުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުލުހުންނާ ގުޅޭގޮތުން ކުރެއްވުމަށް ކަނޑައެޅުއްވި ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ހިދުމަތް ދޭ ބަޔަކަށް ވާނަމަ ކޮންމެ ފުލުހެއްގެ މޫނުމަތިން ރައްޔިތުންނަށް ފެންނަން ވާނީ ހިނިތުންވުމާއި އުފާވެރިކަން ކަމަށެވެ. އަދި ފުލުހަކާ ބައްދަލުވާ ހިނދު ރައްޔިތު މީހާއަށް ކުރެވެން ވާނީ އަމާންކަމާއި ބިރެއް ނެތްކަމުގެ އިހްސާސް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދުލު އިންސާފު ނުލިބުން ކަމަށާއި އަދުލު އިންސާފަށް ވާސީލުވުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ ފުލުހުންގެ ތަހުގީގު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ އެތައް ގުނައެއް އަވަސް ކުރަން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގު ބިނާކުރަންވާނީ، ކުށްވެރިޔާއަށް ސަލާމަތް ނުވެވޭނެ ގޮތަށް، އަދި ކުށް ނުކުރާ މީހާ، ޖަލަށް ވަންނަން ނުޖެހޭ ގޮތަށް ކަމަށެވެ.

"މުޖްތަމައުގެ އަމާންކަން ފުރިހަމަ ގޮތުގައި ދެމެހެއްޓޭނީ ކުށް ކުރުމުން ކުށްވެރިޔާ ހައްޔަރުކުރަން ތިބުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށްގެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ ވަޒީފާއެއް އަދާކުރުމަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތިބޭ ބައެއް ކަމަށާއި، ކޮންމެ މީހަކަށް އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް މިދެވެނީ ފުލުހުން ރެޔާއި ދުވާލު ހޭލައި ތިބެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭތީ ކަމަށެވެ. އަދި ރައްޔިތުންނަށް ކުރިމަތިވާ ކޮންމެފަދަ ހާދިސާއެއްގައި ވެސް، ރައްޔިތުންނާ އެންމެ ފުރަތަމަ ބައްދަލުކުރާ ބަޔަކީ ފުލުހުން ކަމުން، ކިތަންމެ އުނދަގޫ ހާލަތެއްގައި ވިޔަސް، ޖަޒުބާތުގައި ނުޖެހި، ރީތި ބަސްމަގުން މުއާމަލާތު ކުރުމަކީ، ޕޮލިސް ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑު ކަމަށް ދެކުމަށް ރައީސް ވިދާޅުވިއެވެ.