ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް، ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ޕްރޮގްރާމަށް 90 ދުވަސް ފުރުން ފާހަގަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ފަތުރުވެރިކަން ކުރިއަރައި، އިގްތިސޯދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެތްކެއް ކަމަށެވެ. ރައީސް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ ވެސް ބޮޑުތަނުން އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މީގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ މިހާރުވެސް އަންނަނީ ހަމަޖެހެމުން. މިއަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ހަރަދު ކުރެވިއްޖެ. އެއާއެކު ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ އިއުލާނު ކުރެވިފައި. އަދި ބައެއް މަޝްރޫއުތައް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވެރިކަމުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ރިޒާވަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި، މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 757 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވް 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައި ވާއިރު، މި އަދަދުތަކުން އެނގެނީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ ރަސްމީ ރިޒާވް 200 މިލިއަން ޑޮލަރު އިތުރުކުރެވިފައި ވާކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 171 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވަކީ 242 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، އެހެން ކަމުން، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ޔޫޒަބަލް ރިޒާވް ވެސް މަތިކުރެވިފައި ވާކަމަން ރައީސް ފާހަގަ ކުރެއްވިއެވެ.