ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ސިޔާސީ މީހުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަގުފަހިވާނީ ސަރުކާރުން ފިޔަވަޅު އަޅައިގެން ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން އެ ފިޔަވަޅު ނަގަންވީ. އޭރުން އަޅުގަނޑު ހިތުން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ކުރާ މަސައްކަތަށް މަގު ފަހިވެގެން ދާނެ. މިހާތަނަށް ވެފައި މި އޮތް ގޮތަކީ، ގަބޫލު ކުރެއްވިއަސް ނުކުރެއްވިއަސް ހަމަ ސަރުކާރުގެ ތެރެއިން މިދޭތެރެއިން އެ ނުފޫޒު ފޯރާފައި އޮތީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ގަބޫލްކުރެވުނަސް ނުކުރެވުނަސް ސަރުކާރުގެ ތެރެއިން ޝަރުއީ ދާއިރާއަށް މީގެ ކުރިން ނުފޫޒު ފޯރުވާފަވާ ކަމަށެވެ. އޭގެ ސަބަބުން ގެންނަންވާ އިސްލާހުތައް ނުގެނެވި ހުރިކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

ނަމަވެސް މިވެރިކަމުގެ އެކަން ނުކުރާނެ ކަމަށާއި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް އެކުލަވާލާފައެވެ.

އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސުމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައްޔަންކޮށް ވަކިކޮށް އަދި ޖަވާބުދާރީކުރުވުން އެއީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.

މީގެއިތުރުން ކޯޓުތަކަށް ރަޖިސްޓްރާ އައްޔަނުކޮށް ވަކިކުރުން އެއީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.

އަދި ހުޅުވާލެވިފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި އެއްވެސް ނިންމުމެއް ނުވަތަ އަމުރެއް ނުނެރުމާއި އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަތައް ނުބެލުމާއި ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުން އަދި ހައިކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފި އުވާލުން ފަދަ ކަންތައްތައް ހިމެނެއެވެ.