ވިހެއުމާއި ގުޅިގެން އަންހެނުންނަށް ދޭ ހަ މަސް ދުވަހުގެ ޗުއްޓީ އަދި ފިރިމީހާއަށް ދޭ އެއް މަސް ދުވަހުގެ ޗުއްޓީ އަށް 30 މިލައަށް ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ޗުއްޓީ ނަގާ މީހުންގެ މަސައްކަތް އަދާކުރުމަށްޓަކައި 400 ހާ މުވައްޒިފުން ވަގުތީ ގޮތުން ހޯދަންޖެހޭކަމަށެވެ. އެކަމަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ވެސް ހޯއްދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ދިޔަ ފަސް އަހަރުގެ ދިރާސާއިން ދައްކާގޮތުގައި ސިވިލް ސާވިސްގެ ނުވަ ޕަސެންޓް އަންހެނުން ވިހެއުމާއި ގުޅިގެން ޗުއްޓީ ނަގާ ކަމަށެވެ.

ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ނިންމީ އޭގެ ދިރާސާއެއް ހަދައިގެން ދައުލަތުން އުފުލޭނެ ބުރައެއް ތޯ ބަލާފައި ކަމަށެވެ. އަދި ބުރައަކަށް ވިޔަސް އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުން ބުރައެއް އުފުލަން ޖެހުނަސް މިއީ ކުރަންޖެހޭ ފަދަ ކަމެއް މިކަން ދެމެހެއްޓިގެން ދާނެ " ރައީސް ވިދާޅުވިއެވެ.

ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ސަރުކާރުން ބަދަލު ގެނައިކަން އިއުލާން ކުރީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހެވެ.