ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުޑަތަން ވެފައިވަނިކޮށް ވިލިމާލެ ދާއިރާގެ މެންބަރު އަދި މިފަހަރު ގދ. ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ނިހާން ހުސައިން މަނިކު މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގައި އޭނާގެ ދާއިރާ ތަމްސީލުކުރާ މީހާއަކީ އަނގަޔަށް ފެން އެޅުމަށް ފަހު، އަންހެނެއްގެ ކަރާމާތްތެރިކަން ގެއްލޭ ގޮތަށް އަމަލުކުރި މީހާއަށް ވުމަށް އަންހެނަކަށްވެ ހުރެ ގަބޫލުނުކުރެއްވޭނެ ކަމަށެވެ.

ނިހާނަށް އަމާޒުކޮށް ޝިދާތާ މިހެން ވިދާޅުވީ 2016 ވަނަ އަހަރު މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ނިހާނާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައި މޭޒުމަތީގައި ހުރި ފެންތަށި ނަންގަވާ ފެންފޮދެއް ހިތްޕެވުމަށްފަހު ރޮޒައިނާގެ މޫނަށް ނިހާންގެ އަނގައިގައި ހުރި ފެން ޖެއްސެވުމުންނެވެ. ބަދަލުގައި ރޮޒައިނާ ވަނީ ހަމަ އެފެންތަށި ނަންގަވާ އޭގައި ބާކީ ހުރި ފެންތައް ނިހާންގެ ގަޔަށް ޖައްސަވާފައެވެ.

އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ ނިހާނަށް ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިހާދިސާއާއި ގުޅިގެން ނިހާން ޓްވީޓް ކުރައްވާ ވިދާޅުވެފައިވަނީ ރޮޒައިނާ ގަޔަށް ފެންދިޔައީ ކޮށި އަރައިގެން ކަމަށެވެ.