ލިޔަން މިއުޅެނީ ރޯމިއޯ އާ ޖޫލިއެޓް ގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ލައިލާ އާ މަޖުނޫނުގެ ވާހަކަ އެއް ނޫނުވެ. ހަމަ އެހެންމެ ކިޔައިދޭން މިއުޅެނީ ދޮން ހިޔަލައާ އަލިފުޅުގެ ވާހަކައެއް ވެސް ނޫނެވެ. އިއްވަން މިއުޅެނީ ރާއްޖޭގެ ތާރީހުން ދުވަހަކު ވެސް ދެން ފޮހެވިގެން ނުދާނެ ދެހިތެއްގެ ގުޅުމުގެ އަޑެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެ ލޯބި ދައްކުވައިދިން މިސާލުގެ ވާހަކަ އެވެ.

މީގެ ކުރިން އައިޝާއަކީ ކާކު ކަން އެނގެނީ ގާސިމް ގެ ނަމާ އެކު ބޭނުން ކުރުމުންނެވެ. މިހާރު އޭނާ އަކީ ކާކު ކަން ނޭނގޭ މީހެއް މި ދިވެހި ފަސްގަނޑަކު ނުހުންނާނެއެވެ. އޭގެ ފަހަތުގައި ވަނީ ފިރިކަލުން ގާސިމެވެ. ގާސިމް ދެކެ އައިޝާ ވެވަޑައިގެންނެވި ލޯތްބެވެ. އޭނާގެ 6 ބޭފުޅުންގެ ބައްޕާފުޅު ގެ ސަލާމަތައްޓަކާ އައިޝާ ގަދަ އަޅާ ކުރެއްވި މަސައްކަތެވެ.

ގާސިމާއި އައިޝާ އާއިލާއާ އެކު / ފޮޓޯ: ސޯޝަލް މީޑިއާ

ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުގެ "މަޝްރޫއު" ގެ ޝިކާރައަކަށް ގާސިމް ވެ ވަޑައިގެންނެވުމުން، ގޭގައި އިންނެވި އަނބިކަނބަލުން އައިޝާއަށް ގޮތް ހުސްވިއެވެ. ގާސިމް ގެ މުޅި ސިޔާސީ ހަޔާތްޕުޅުގައި ވެސް 'މަޑުން އިންނެވި' އައިޝާއަށް ސިޔާސީ ދާއިރާއަށް ނިކުންނަވަން މަޖުބޫރު ވީއެވެ.

ހައްޔަރު ކޮށްފައިވާ ސިޔާސީ ލީޑަރުންގެ އަނބީންގެ އިސް ސަފުގައި އައިޝާ ހަރަކާތްތެރިވާން ފެއްޓެވީ، ގާތުގައި ލޯބިވާ ފިރިކަލުން ގާސިމް ނެތުމުން އެ ކަމުގެ ވޭން އިހުސާސް ކުރައްވަން ޖެހިވަޑައިގެންފައި ވީތީއެވެ. ކުރީގެ ރައީސް ޔާމީން ގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތުގައި އައިޝާ ހަރަކާތްތެރިވެލައްވަން ފެއްޓެވުމުން، މީހުން އޭނާގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވަމުން ދިޔަ އެވެ.

'ގޭގައި މަޑުން ނީނދެވިގެން'، އައިޝާ ސިޔާސީ މައިދާނަށް ނުކުންނެވީ މަގާމުގެ ދަހިވެތި ކަމުގައި ކަމަށް އޭރު ތުހުމަތު ކުރެވުނެވެ. އެކަމަކު އެކަމާ މެދު ފުން ކޮށް ވިސްނާލުމުން އެނގިގެން ދަނީ، އައިޝާއަށް ގާސިމް ގެ އަންބެއްގެ ގޮތުގައި އިންނެވުމަށް ވުރެ މަތީ މަގާމެއް ނުލިބޭނެ ކަމެވެ. ގާސިމް ގެ އަންބަކަށް ވީތީ، ލިބި ނުލައްވާ، ތަނަވަސް ކަމެއް ނުވަތަ އެހެން މޮޅެއް ވެސް މަގާމެއްގެ ސަބަބުން އައިޝާ އަކަށް ލިބިއެއް ނުލައްވާނެއެވެ. އެހެން ކަމުން ހަމަ ހަގީގަތުގައި ވެސް އައިޝާ އަށް އެ ވަގުތު މުހިންމުވީ ލޮބުވެތި ފިރިކަލުން ގެ ލޯބި ކަން އެބަ ޔަގީން ކުރެވެއެވެ.

އިސްލާހީ މަސައްކަތުގައި އައިޝާ ހަރަކާތްތެރި ވެލައްވަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ކޮންމެ އަކަސް މިއަދު އައިޝާއަށް ވަނީ އެބުނާ 'މަގާމެއް' ވެސް ލިބި ވަޑައިގެންފައެވެ. ވުމާއެކު ގާސިމް ގެ ބޭނުން އެ ކެނޑުނީތާއެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާ ދެމެދު އުފެދުނު ނުތަނަވަސް ކަމުގައި ގާސިމަށް "ކޮށިދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލޭނެ" ކަމަށް ގިނަ ބަޔަކު ގޮވަމުން ދިޔައެވެ. މަގާމުގެ ދަހިވެތިކަމުގައި، އައިޝާ ފިރިކަލުން "އެއްލައިލައްވާނެ" ކަމަށް ގިނަ ބަޔަކު ޔަގީން ކުރަމުން ދިޔައެވެ. އެންމެން ވެސް ހީކުރީ ސިޔާސީ ގަޑުބަޑުގެ ތެރޭގައި އައިޝާއާ ގާސިމް ގެ ލޯބި ފަނާވެ ނިމިދާނީ ކަމަށެވެ.

އެހެން ނަމަވެސް، އާދީއްތަ ދުވަހުގެ ރޭ، އެދެމަފިރިކަނބަލުން ދައްކުވައިދިނީ، ރާއްޖޭގެ ޑިމޮކްރަސީގެ މުޅި ތާރީހު ވެސް މީގެ ކުރިން ދެކިފައި ނުވާ ފަދަ މަންޒަރެކެވެ. ސިޔާސީ މާލަމެއްގައި، އެރޭ 'ފަރިވެ ފޮޅުނީ' ލޯބީގެ މާތަކެވެ. ސިޔާސީ ޕޯޑިއަމެއްގައި ހުއްޓި ހުންނަވާ ހަރުއަޑުން އައިޝާ ވިދާޅުވީ ދުވަހަކު ވެސް ގާސިމާއި ވަކި ނުކުރެއްވޭނެ ކަމަށެވެ. ހަމަ އެހާމެ ލޯބިން ގާސިމް ވިދާޅުވީ އައިޝާއާ ވަކިވިޔަސް ވަކިވާނީ ފުރާނަ އާ އެކުގައި ކަމަށެވެ.

ގާސިމް އާއި އައިޝާގެ ލޯބި މުޅި ދުނިޔޭގެ ކުރިމަތީ ގައި މިވަނީ ފާޅުކޮށް އިއްވަވާފައެވެ. އެދެ ހިތްޕުޅުގެ ލޯބީގެ ވާހަކައިން މުޅި ރާއްޖެ މިއަދު ވަނީ ގުގުމާފައެވެ. ސިޔާސީ އުޑުގައި ފިޔަޖަހާލި ދެތަރި މީގެ ފަހުން، ލޯބީގެ އުޑުގައި ވެސް ބަބުޅާނެއެވެ. ޒަމާން ތަކެއް ވަންދެން، ލޯބީގެ މިސާލެއްގެ ގޮތުގައި ގާސިމާއި އައިޝާ އެއްބޭފުޅަކު އަނެއް ބޭފުޅަކު ދެކެ ވެވަޑައިގެންނެވި ލޯބި ދެމި ހުންނާނެއެވެ.

ކޮންމެ މީހަކު ވެސް ބޭނުން ވާންވީ އެދެބޭފުޅުން ފަދައިން ލޯބި ވާނެ މީހަކު ހަޔާތުގެ ބައިވެރިއަކަށް ހޯދާށެވެ.