ބޭރުގެ ޑިޕްލޮމޭޓަކު ސައިކަލުގައި ހެލްމެޓް ނާޅާ ބްރިޖް މަތިން ދާތަން ފެންނަ ފޮޓޯ އެއް މިއަދު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެކަމާ ނުރުންހުން ފާޅުކޮށް، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަޑު އުފުލަން ފަށައިފިއެވެ.

ޑިޕްލޮމެޓް އިން ސައިކަލުގެ ކައިރީގައި، ސައިކަލުގައި ދާ ފުލުހެއްވެސް، މިއަދު ވައިރަލް ވެފައިވާ ފޮޓޯއިން ފެންނަން ހުއްޓެވެ.

މިއަދު ހަވީރު ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ފޮޓޯގެ ކެޕްޝަން ގައި ލިޔެފައި ވަނީ، ދިވެހީންގެ ތެރެއިން މީހެއްގެ ބަލި ހާލަތަށްޓަކައި ވެސް ހެލްމެޓް ނާޅާ ދަތުރު ނުކުރެވޭ އިރު، ކޯޓު ފަޓުލޫނުގައި ހުރި ޑިޕްލޮމެޓެއްގެ މައްޗަށް އެގަވާއިދު ތަންފީޒު ނުކުރެވޭތީ އެކަމާ ލަދުވެތި ވާކަމަށެވެ.

އޭގައި ލިޔެފައި ވާގޮތުން، ބްރިޖްގެ ދޮރާށި ކައިރީ ޓްރެފިކް ޕޮލިހެއް ހުރި ނަމަވެސް ޑިޕްލޮމެޓް ވަނީ، އެކަމުން ރެކި، ބްރިޖަށް އަރާފައެވެ. އަދި އެއާޕޯޓަށް ދާ މަގުގައި ހުންނަ ޓްރެފިކް ލައިޓުގައި، އޭނާ އިން ސައިކަލު މަޑުކޮށްލާފައި ވަނީ ފުލުހަކު އިން ސައިކަލު ކައިރީގައެވެ. މި ކަމަކީ ގަސްތުގައި ފުލުހުން ކޮށްފައިވާ ކަމެއްނަމަ މި ޒާތުގެ ނާ އިންސާފުން ކުރާ ކަންކަން ހުއްޓާލުމަށް ވެސް ފޮޓޯ ޝެއާ ކުރި ފަރާތުން އެދިފައި ވެއެވެ.

ޑިޕްލޮމެޓުންނަށް ގައުމުތަކުގައި ބައެއް ކަހަލަ އިސްތިސްނާތައް ހުއްޓަސް މި ގޮތަށް އާންމު ރައްކާތެރިކަމާ ގުޅިފައި އޮތް ކަމެއްގައި ތަންފީޒީ އިދާރާތަކުގެ ދައުރަކީ ކޮބައި ކަމާ މެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ތަންފީޒީ އިދާރާއަކުން ގަވައިދާ ހިލާފަށް ކުރާ ކަންކަމުގައި އެޅެން އޮތީ ކޮން ފިޔަވަޅެއްތޯ ވެސް އެ ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ.