ހޫނު ގަދަ ވުމުގެ ސަބަބުން ތިލަދުންމަތީ އުތުރު ބުރީ ކެލާގެ ބައެއް ދަނޑުގައި އަލިފާން ރޯވެ ގެއްލުން ތަކެއް ލިބިއްޖެ ކަމަށް ކައުންސިލުން ބުނެފިއެވެ.

ކެލާ ކައުންސިލް ރައީސް އާދަމް ޣުފްރާން 'ދަޕްރެސް' އަށް މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު އެ ކައުންސިލަށް ލިބިފައިވަނީ މިއަދު މެންދުރު 11:30 ހާއިރުގައެވެ.

ޣުފްރާން ވިދާޅުވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވުމާ ގުޅިގެން، ފުލުހުންނާ ދަނޑުތަކުގެ ވެރީން ގުޅިގެން ދޮޅުގަޑިއިރެއް ހާއިރުގެ ތެރޭގައި އަލިފާން ނިއްވާލާފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި ބައެއް ދަނޑުތަކަށް އެކި ވަރުގެ ގެއްލުން ލިބިފައި ވާއިރު، އަލިފާނުގެ ހުޅު ހިފީ ކިތައް ދަނޑުގައި ކަމެއް އަދި ކަނޑައެޅިގެން ނޭނގޭ ކަމަށް ކެލާ ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އަލިފާން ރޯވި ދަނޑުތަކުގައި އާންމުކޮށް ހައްދާފައި ހުރީ ފަތްކޭލާއި ރުއްގަސް ކަމަށެވެ. އަދި މި ދުވަސްވަރަކީ ދަނޑު ހައްދަން ބިންގަނޑު ތައްޔާރު ކުރުމަށްޓަކާ ދަނޑު ވާ ކޮށްފައި އޮންނަ ދުވަސް ވަރެއްކަމަށް ވެސް ކައުންސިލުން ފާހަގަ ކުރެއެވެ.

ކެލާ ކައުންސިލުން ބުނީ، ހޫނު ގަދަވާ ދުވަސް ވަރު އާންމުކޮށް ކެލާގެ ދަނޑުތަކުގައި އަލިފާނުގެ މިފަދަ ހާދިސާތައް ހިނގާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަން މެދުވެރި ވަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ދަނޑުގައި ރޯކުރާ އަލިފާނުގެ ހުޅުގަނޑު ހޫނު ގަދަ ވުމުގެ ސަބަބުން ދަނޑަށް ފެތުރިގެން ދާތީ ކަމަށް ކައުންސިލުން ލަފާކުރެއެވެ.