ޒިޔާދާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ގދ.ތިނަދޫ، ޒިޔާދާ ނައީމް މަރުވި މައްސަލައިގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިިންމާފައެވެ.

ޝާހުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ މި ދައުވާތަކުގެ އުންސުރުތައް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭނެ ހެކި ގަރީނާ ޝަރީއަތަށް ހުށަހެޅުނުކަމަށެވެ. އަދި އެ ހެކި ގަރީނާތަކަށް އެކަށީގެންވާ ބުރަދަން ޝަރީއަތުން ދެއްވާފައިވާކަމަށް ގަބޫލު ނުކުރާކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ކަން މިހެން ހިނގުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާ އަކީ އޭނަގެ ފިރިމީހާ ޝާހު، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެެކެވެ. މިދިޔަ ހަފްތާގައި މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ނިންމާފައިވާ އިރު އޭނާގެ ފިރިމީހާގެ މައްޗަށް ކޮށްފައިވާ އެއްވެސް ދައުވާއެއް ސާބިތުވެފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.