އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދިރިއުޅުއްވުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ޕީ.އެމް. ނަރޭންދްރާ މޯދީ"ގެ ކްރެޑިޓްސް ލައިންގައި މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚުތަރުގެ ނަން ހިމަނާފައިވަނީ ގަސްތުގައި ކަމަށް، އޭނާގެ އަންހެނުން އަދި އެކްޓްރަސް ޝަބާނާ އަޒްމީ ބުނެފިއެވެ.
"ޕީ.އެމް. ނަރޭންދްރާ މޯދީ"ގެ ޓްރޭލާގައި ޖާވިދު އަޚުތަރަށް ކްރެޑިޓްސް ދީފައިވާއިރު އެ ފިލްމުގެ އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށް ޚުދު ޖާވިދު އަޚުތަރުވެސް ވަނީ ބުނެފައެވެ. ކުރީގެ ފިލްމުތަކަށް ލަވަހަދާ ދެމުން އައި ސަމީރުގެ ނަންވެސް ކްރެޑިޓްސްއަށް އަރުވާފައިވާ، އޭނާވެސް ވަނީ ފިލްމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
ފިލްމު އުފެއްދި ފަރާތުން މިކަން ކޮށްފައިވަނީ އާންމުންނަށް އޮޅުވާލަންވެގެން ކަމަށާ، ފިލްމް "ޕީ.އެމް. ނަރޭންދްރާ މޯދީ"އަށް ޖާވިދު އަޚުތަރު ލިޔެދީފައިވާކަމަށް ބުނާ ލަވައަކީ، ދީޕާ މެހެތާގެ ފިލްމް "1947 އާތު"ގައި ހިމެނޭ ލަވައެއް ކަމަށް ޝަބާނާ ވަނީ ބުނެފައެވެ.
"ޕީ.އެމް. ނަރޭންދްރާ މޯދީ"ގެ ޕްރޮޑިއުސާ ސަންދީޕު ސިންހް ބުނީ، މިމައްސަލަ ހައްލު ކުރުމަށް ސީދާ ޖާވިދު އަޚުތަރު އެމީހުންނާ ގުޅި ނަމަ ރަނގަޅުވީސް ކަމަށެވެ. އަދި "1947 އާތު"ގެ ލަވަ، "ޕީ.އެމް. ނަރޭންދްރާ މޯދީ"ގައި ބޭނުންކޮށްފައިވާނެ ކަމަށާ އެ ލަވައަކީ ޖާވިދު އަޚުތަރުގެ މަސައްކަތެއް ކަމަށްވެސް ޕްރޮޑިއުސަރުވަނީ ބުނެފައެވެ. މިކަމުގެ ޝަކުވާ ޖާވިދު އަޚުތަރު އުފުލީ ޓުވިޓާގައި ކަމުން، އެކަމަށް ޖަވާބުދާރީވީވެސް ޓުވިޓާގައި ކަމަށް ޕްރޮޑިއުސަރުވަނީ ބުނެފައެވެ.
ބައެއް އެކްޓިވިސްޓުން އަދި ވަކީލުން ބުނާ ގޮތުގައި މިއީ ޖާވިދު އަޚުތަރުގެ އަބުރަށް އުނިކަން އަންނަ ފަދަ އަމަލެކެވެ. އަދި މިއީ ގާނޫނީ ދައުވާ އުފުލޭނެ މައްސަލައެކެވެ.
"ޕީ.އެމް. ނަރޭންދްރާ މޯދީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށުމުގެ ހަފުތާއެއްހާ ދުވަސްކުރިން، އަންނަ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.