މިހާރު ގަވާއިދާ ހިލާފަށް އެންމެ ކޯޓާއެއް ވެސް ނުހެދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

"ދަޕްރެސް" އާއި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިޖްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަަނަފީ) ވިދާޅުވީ ކޯޓާ ކަންތައްތަކުގައި ވަރަށް ބޮޑު ބައި ހައްލު ކުރައްވައިފައި ވާކަމަށާއި މިހާރު ކޮންމެ ކޮންމެ މީހަކަށް ކޯޓާއެއް ނުލިބޭނެ ކަމަށެވެ.

އަދި މިހާރު ހުރިހާ ކަމެއް ބަލާފަ ކަށަވަރު ކުރަމަށް ފަހު ނޫނީ ކޯޓާއެއް ދުލެއް ނުކުރާނެ ކަމަށް ހަނަފީ ވިދާޅުވިއެވެ.

ކުރިން ކޯޓާ ނަހަމަގޮތުގައި ދޫކޮށްފައިވާ މައްސަލަތަކުގެ ތަހްގީގުތައް ކުރިއަށް ދާ ކަމަށާއި ތަހްގީގަށް ބެލުމަށް ފަހު ވަކި މީހަކަށް ބެލުމެއް ނެތި އެކަށީގެންވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ހަނަފީ ވިދާޅުވިއެވެ.

ކޯޓާގެ ކަންކަން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލު ކޮށް މިއަދު ވަނީ ހިދުމަތް ދޭން ފަށާފައެވެ. ހަނަފީ ވިދާޅުވީ މިނިސްޓްރީގެ ދަށަށް މަސައްކަތް ބަދަލު ކުރި އިރު ގިނަ އުސޫލުތައް ހަރުދަނާކޮށް ހައްލު ހޯއްދަވާފައި ވާކަމަށެވެ، އަދި މިނިސޓްރީގެ ދަށަށް ބަދަލު ވުމުން އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބިދޭސީންނާ ގުޅުން ހުރި ކަންތައްތަކުގެ ތެރެއިން، ކޯޓާ ހަމަޖައްސައި ދިނުމާއި، ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމާއި، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑު ކުރުމުގެ މަސައްކަތުގެ އިތުރުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓާ ކޮށްދިނުމުގެ މަސައްކަތް މިހާރު ކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

ނަމަވެސް ބިދޭސީންގެ ވިސާއާއި ބެހޭ ހުރިހާ ކަމެއް ކުރާނީ އިމިގްރޭޝަނުންނެވެ.

ރާއްޖޭގައި މިހާރު އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންނަށް ވުރެ ގިނައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީނެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު މީ އިމިގްރޭޝަންގެ 69 ވަނަ އަހަރީ ދުވަހެވެ.