ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ ދެ މިސްކިތަކަށް މާޗް 15 ވީ ހުކުރުދުވަހު ދިން ޓެރަރިސްޓް ހަމާލާގައި މަރުވި 50 މީހުންގެ މައްޗަށް، މުސްލިމުންގެ އެންމެ މުޤައްދަސް 2 މިސްކިތް ކަމަށްވާ މަސްޖިދުލްޙަރަމްއާއި އަލް މަސްޖިދުލްނަބަވީގައި، ޣައިބުގައި ކަށުނަމާދު ކޮށްފިއެވެ.

22 މާޗްވީ ހުކުރު ދުވަހު، ޣައިބުގައި ކަށުނަމާދު ކޮށްފައިވަނީ ހުކުރު ނަމާދަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިމާމުވެ ކަށުނަމާދު ކޮށްދެއްވީ މަސްޖިދުލްޙަރަމްގެ އިމާމު ޝައިހު މާހިރު އަލް މުޢުޤުލީއެވެ. މަސްޖިދުލްނަބަވީގައި އިމާމުވެ ކަށުނަމާދު ކުރެއްވީ އެ މިސްކިތުގެ އިމާމު ޝައިހު އަބްދުﷲ އަލް ބަޢިޖާންއެވެ.

ޖެނެރަލް ޕްރެޒިޑެންޓް ފޮ ދި އެފެއާޒް އޮފް ދަ ޓޫ ހޯލީ މޮސްކްސް ޝައިހު އަބްދުއްރަޙުމާން އަލް ސުދައިސް ވިދާޅުވީ، މިކަމުން ދައްކުވާދެނީ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މެދު ސައުދީގެ ސަލްމާން ރަސްގެފާނާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ކަންބޮޑުވެވަޑައިގަންނަވާ މިންވަރު ކަމަށެވެ. އަދި ޓެރަރިޒަމްއަކީ ވަކީ ދީނެއް ނުވަތަ ގައުމެއްގެ ކަމެއް ނޫންކަމަށް ވިދާޅުވެ، ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ސައުދީން ގެންގުޅޭ ފިކުރުވެސް ސުދައިސް ވަނީ ފާހަގަކުރައްވާފައެވެ.