އެސް.އެސް ރާޖާމޯލީ ލިޔެ، ޑައިރެކްޓްކުރާ ފިލްމް "އާރް.އާރް.އާރް"ގެ ކާސްޓުން ވަރުން ދާވަންއާއި ސަންޖޭ ދަތުވެސް ފެނިގެން ހިނގައިދާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނަން ފަށައިފިއެވެ.

އާލިއާ ބަޓްއާއި އަޖޭ ދޭވްގަން އަދި އެން.ޓީ. ރާމާ ރާއޯ ޖޫނިއާގެ އެކްޓިންގް ފެނިގެންދާ ފިލްމް "އާރް.އާރް.އާރް"އިން ސަންޖޭއާއި ވަރުން ފެނިގެންހިނގައިދާނެ ކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭ ގޮތުން އެތަރިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ޕްރޮޑަކްޝަން ހައުސްއިންވެސް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތްތައް މިހާރުވެސް ޕޫނާގައި ކުރިއަށްދާއިރު، ސިނަމާތަކުގައި "އާރް.އާރް.އާރް" އެޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

އިންޑިއާގެ ގައުމިއްޔަތާއި ގުޅިފައިވާ ވާހަކަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ މިފިލްމަކީ 1920 ވަނަ އަހަރުގެ މަންޒަރުތައް ފެނިގެންދާނެ ފިލްމެއް ކަމަށް ޚަބަރު ލިބެއެވެ.