ކަރަންޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާތައް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ ކަރަންޓް އަގުބޮޑުވެގެން ރިޔާސީ އިންތިހާބުގެ ކުރިން ވަރަށް ގިނައިން ޝަކުވާތައް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކަރަންޓް ފޯރުކޮށްދޭ ފަރާތްތަކާއި މަޝްވަރާ ކުރެވިގެން ކަރަންޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ސްޓެލްކޯ އާއި ފެނަކައާ އެކީގައި ރައީސް އޮފީހުން އަޅުގަނޑުމެން ވަނީ އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާފަ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ސްޓެލްކޯ އާއި ފެނަކައިން ކަރަންޓް އަގުހެޔޮ ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް އެ ބައްދަލުވުމުގައި ހިއްސާ ކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ ދެވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވި ކަރަންޓްގެ އަގަށް ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ޑީސަލް ތެލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ރައްޔިތުން މަޖިލީހުން ފާސްކުރި ގާނޫނު ރައީސް ވަނީ ތަސްދީގުވެސް ކުރައްވާފައެވެ.

ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އެކަމަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ފައިސާވެސް ވަނީ މިއަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ.