ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޕާކިސްތާނުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވާ، ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 79 ވަނަ "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދެ ގައުމަށް ފައިދާ ކުރަނިވި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ޖަލްސާގައި އެކަނިކުފާނު ވަނީ ކުރިއަށް އޮތްތާނގައިވެސް، ދެކުނު އޭޝިޔާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އަމާންކަން އަދި ހަމަޖެހުން ޕާކިސްތާނަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އިތުރު ފާގަތިކަން ހޯދުމަށް ދެ ގައުމުން އެކުގައި މަސައްކަތް ކުރާނެކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ގޮތުން ގާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ނައިބުރައީސް ފާހަގަ ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދުވަސްވީ ގުޅުމުގެ ސިއްރަކީ ދެގައުމުގެ އެއްގޮތް ސަގާފަތާއި، އިސްލާމްދީނާއި، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ އިތުރުކުރުމަށާއި، ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 1940ގެ މާޗް 23 ވަނަ ދުވަހު ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ގަރާރާއި ގުޅިގެން، 1956ގެ މާޗް 23 ވަނަ ދުވަހު ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.