ހެލްމެޓު ބެހުމަށް ބާއްވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ހައްދުންމަތީ ރައްޔިތުންނަށް، ފެށޭ ހަފްތާގެ ހޯމަ ދުވަހު އެ ފުރުސަތު ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓުން ބުނީ، ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ލ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައި ވަނީ 700 ހެލްމެޓު ކަމަށާއި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ވެސް 700 މީހުންނަށް ކަމަށެވެ.
ހެލްމެޓް ބެހުމުގެ ޕްރޮގްރާމުގައި ބައިވެރި ވެވޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ވެސް ޓްރާންސްޕޯޓުން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރި ވުމަށް ނަންނޯޓު ކުރާ ފަރާތްތަކަށް، އެ ޕްރޮގްރާމު ހިންގާނެ ތާރީހާއި ގަޑިއާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ. އެ އޮތޯރިޓީން ބުނީ ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 25 ވަނަ ދުވަހު ޓްރާންސްޕޯޓު އޮތީރިޓީގެ ވެބްސައިޓް (www.transport.gov.mv) އިން ކަމަށެވެ.
ހައްދުންމަތީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރި ކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ޕްރޮގްރާމުގެ 2 ވަނަ ބައެވެ.
މި ޕްރޮގްރާމުގެ ބޭނުމަކީ މަގުމަތީގެ އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލު ބަޔަކަށް ހެދުމާއި ބާރަށް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއް ކަން އުޅަނދު ދުއްވާ ފަރާތް ތަކަށް ވިސްނައިދިނުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.