މާލޭ ކުޅިވަރު އެކުވެނީގައި ހުންނަ ޓެނިސްކޯޓުގެ ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 18:57 ގައި ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ރޯވެފައިވަނީ އަތޮޅުތެރޭގެ ރަށްރަށުގައި ހަދާ ދަނޑުތަކުގައި އެޅުމަށްޓަކައި މާލޭގެ ޓްރެކް ސަރަހައްދުގައި ބަހައްޓާފައި ހުރި ޓާފްތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި މުދާ ހުރި ކޮންޓެއިނަރު ތަކެއް ހުރިކަމުގެ މައުލުމާތު ވެސް ލިބިފައި ވެއެވެ. ލަފާ ކުރެވޭ ގޮތުގައި އެ ކޮންޓެއިނާ ތަކުގައި ވެސް ހުރީ ކުޅިވަރާ ގުޅުން ހުރި އެކި އެކި ސާމާނެވެ.

އެމް އެންޑީއެފް ގެ ފަޔާއެންޑް ރެސްކިއުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެސަރަހައްދުގައި ރޯވި އަލިފާން ގަނޑު މިހާރު ނިއްވާލެވިފައި ވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ސަރަހައްދުގައި ހުރި މުދާތަކަށް އެކި ވަރުގެ ގެއްލުން ލިބިފައި ވީނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.