ގޫގްލްގެ އީމެއިލް (ޖީމެއިލް)ގެ އިންބޮކްސް ހިދުމަތް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަން ގޫގްލްއިން ހާމަކޮށްފިއެވެ.

ގޫގްލް އިންބޮކްސްގެ މޯބައިލް އެޕްލިކޭޝަން ހިދުމަތް ހުއްޓާލާނެކަން ގޫގްލްއިން ހާމަކުރީ މިދިޔަ އަހަރު ނަމަވެސް، މީގެ ކުރިން ތާރީހު އިއުލާންކޮށްފައެއް ނުވެއެވެ.

މޯބައިލް ފޯނު މެދުވެރިކޮށް ގޫގްލް އިންބޮކްސް އެޕްލިކޭޝަން ބޭނުންކުރާ ބައެއް ފަރާތްތަކަށް މިހާރުވެސް އެކަމުގެ އިރުޝާދުގެ މެސެޖުތަކެއް ގޫގްލްއިން ދަނީ ފޮނުވަމުންނެވެ.

ގޫގްލް އިންބޮކްސް ހިދުމަތާއެކު ގޫގްލް ޕްލަސްގެ ހިދުމަތްވެސް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުއްޓާލާނެއެވެ. ގޫގްލް ޕްލަސްއަކީ ގޫގްލް ކުންފުނި ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ތައާރަފުކޮށް ފެއިލްވި ހިދުމަތެކެވެ.

ގޫގްލްގެ އީމެއިލް ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ފަސޭހަ ކަމާއެކު އީމެއިލް ހުޅުވާނެ ޝޯޓްކަޓެއް ގޫގްލްއިން ދަނީ ގޫގްލް އިންބޮކްސް އެޕް ބޭނުންކުރާ ފަރާތަކަށް ފޯރުކޮށްދެމުންނެވެ. 13 ދުވަހުން ފެށިގެން 15 ދުވަހުގެ އިންޒާރުގެ މުހުލުތެއް ދިން ކަމުގައި ވީ ނަމަވެސް އޭޕްރިލް 2 ގެ ފަހުން މި ހިދުމަތް އެއްވެސް ވަރަކަށް ނުލިބޭނެ ކަމަށް ޚަބަރު ލިބެއެވެ.

ދިރިއުޅުމުގައި ގިނަ އަދަދަކަށް އީމެއިލް ބޭނުންކުރަންޖެހޭ ފަރާތްތަކަށް ލުއިފަސޭހަކަމެއް ހޯދާދިނުމުގެ މަގުސަދުގައި ގޫގްލްއިން އިންބޮކްސް އެޕް ތައާރަފުކުރީ 2014 ވަނަ އަހަރުއެވެ. އަދި ގިނަ ބަޔަކު ވަނީ މި ހިދުމަތަށް ތައުރީފުކޮށްފައެވެ. ނަމަވެސް މިފަހަކަށް އައިސް ގޫގްލްއިން ވަނީ އެޕްއިން ލިބެންހުރި ބައެއް ހިދުމަތްތައް ގޫގްލްގެ މައި މެއިލްގައި ހިމަނާ، އިންބޮކްސް އެޕް ޕްލޭ ސްޓޯއިންވެސް މާ ފަސޭހައިން ނުފެންނަ ގޮތް ހަދާފައެވެ.