ސީލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހައުސިން ޕްރޮޖެކްޓް، ތަފާތު ސަބަބުތަކާ ހެދި ހުއްޓި، 689 ފަރާތަކުން ދެއްކި ފައިސާގެ ތެރެއިން 258 ފަރާތެއްގެ ފައިސާ ރިފަންޑް ކޮށްދީފައި ނުވަނީ އެ ކުންފުނީގެ ހިއްސާ އޮޮންނަ އެހެން ކުންފުންޏަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް ސީލައިފުން ބުނެފިއެވެ.

ހިޔާނާތުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމަށްފަހު، ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް، ސީލައިފްގެ މައްސަލައިގައި ވަކާލާތު ކުރާ ލޯ ފާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 258 ފަރާތަށް ފައިސާ ރިފަންޑް ދެވިފައި ނުވަނީ ސަރުކާރުން ސީލައިފް ގްލޯބަލްގައި ބޮޑު ހިއްސާއެއް އޮންނަ ސީލައިފް މޯލްޑިވްސްއަށް ދޭންޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާތީ ކަމަށެވެ.

އެގޮތުން ލޯފާމުން ސީލައިފްގެ ލިޔުންތައް ދިރާސާ ކުރިއިރު، ސީލައިފް ގްލޯބަލް 97 ޕަސެންޓް ހިއްސާ އޮންނަން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 12 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ދިވެހި ސަރުކާރާ އެކު "ސެޓްލްމަންޓް އެގްރީމެންޓް" ގައި ސޮއިކުރެވި ފާއިވާކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސީލައިފް މޯލްޑިވްސް އާއި ސަރުކާރާއި ދެމެދު "ސެޓްލްމަންޓް އެގްރީމެންޓް" ގައި ސޮއިކުރެވިފައި ވަނީ ދެފަރާތުން އެއްބަސްވެވޭ ގޮތަކަށް 10 މަސްދުވަހު މަޝްވަރާކުރުމަށްފަހު ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއި، މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޝަރީގެ މަޝްވަރާއާއި، އަދި ފައިނޭސް ކޮންޓްރޯލާގެ ޕޭމަންޓް ޝެޑިއުލް ވެސް ލިބިގެން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ގޮތުން ސީލައިފް މޯލްޑިވްސްގެ ރުހުމެއްނެތި އެގްރީމެންޓް ބާތިލް ނުކުރެވޭނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

"ސީލައިފް ގްލޯބަލްގެ ފަރާތުން ފައިސާ ނުދެވިވާ އެންމެހައި ފަރާތްތަކަށް ފައިސާ ދޭނެކަން ބަޔާންކޮށް، ސީލައިފް މޯލްޑިވްސްއިން ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަންވެސް މި ލޯފާމަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި 12 މިލިއަން ޑޮލަރު ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށާއި، މިހާތަނަށް ޑިސްޕިއުޓް މަރުހަލާގައި ތިން އަޑުއެހުން ބޭއްވިފައިވާއިރު، ދައުލަތުން މި މައްސަލަ ހައްލުކުރެވޭނެ ކަމަށާއި، ފައިސާ ދޫކުރުމާ މެދު ދައުލަތުން ވިސްނަމުންދާ ކަމަށް ބަޔާންކޮށްފައިވޭ" ސީލައިފްގެ ފަރާތުން އެ ކުންފުނީގެ ގާނޫނި ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ފައިސާ ދޫކުރުމުން، ސީލައިފް ގްލޯބަލްގެ ފަރާތުން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރެވިގެންދާނެ ކަމަށް ބުނެފައިިވެއެވެ.

ސީލައިފުން ބުނެފައި ވަނީ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދުތަކާއި މަސައްކަތްތަކެއް ކުރަމުން ގެންދަނިކޮށް، ޕްރޮޖެކްޓް އާއި ގުޅޭގޮތުން އެ ކުންފުންޏާ އެއްވެސް މުއާމަލާތެއް ކުރުމެއްނެތި އެތައް މަސްދުވަހެއް ހޭދަވުމަށްފަހު، އެޗްޑީސީގެ ފަރާތުން އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ސީލައިފް ގްލޯބަލްއާއެކު ވެފައިވާ އެއްބަސްވުން، އެ އެއްބަސްވުމާއި ހިލާފަށް ސެޕްޓެމްބަރު 14، 2015 ގައި ބާތިލް ކޮށްފައިވާ ކަމަށެވެ.

އަދި އެގްރީމެންޓް ބާތިލް ކުރި މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހަޅައި، އެ މައްސަލަ ސީލައިފާ އެއްކޮޅަށް ނިމިފައިވީ ނަމަވެސް، އެޗްޑީސީން ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ނުކޮށް، ބްރީޗިން ނޯޓިސް ދީ ކުރު މުއްދަތެއްގެ ތެރޭގައި ވަކި ކަންކަން ކުރުމަށް އެޗްޑީސީން އެންގުމުން އެގޮތަށް މަސައްކަތް ކޮށް، ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބުނުމަށްފަހު ހުއްދަ ނުދީފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ސީލައިފްގެ ގާނޫނީ ޓީމުން ބުނެފައިވަނީ، ސަރުކާރުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާ ދިނުމުން، ރިފަންޑް ކުރަން ޖެހޭ އެންމެންނަށް ފައިސާ ދައްކާ ނިންމާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.