އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަމުންދާ ފިލްމް "ޕީ.އެމް ނަރޭންރާ މޯދީ"ގައި ހިމެނޭ ބައެއް ލަވަތަކުގެ ޅެން ހަދާފައި ވަނީ ޖާވިދު އަހުތަރުކަމަށް ފިލްމުގެ ޓްރޭލާއެއްގައި ފާހަގަކުރުމާއެކު، އެކަމާ ޖާވިދު އަހުތަރު ހިތްހަމަނުޖެހިއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް ޖާވިދު އަހުތަރު ބުނީ، "ޕީ.އެމް ނަރޭންރާ މޯދީ" އަށް އެއްވެސް ލަވައެއް އަދި ޅެމެއްވެސް ހަދާދީފައި ނުވާނެ ކަމަށެވެ.

ޓްރޭލާގައި އޭނާގެ ނަން ފާހަގަކޮށްފައިވާ ޝޮޓްގެ ފޮޓޯއަކާއިއެކު ޓުވީޓް ކުރަމުންދާ ޖާވިދު ބުނީ އެކަމުގެ ސަބަބުން އޭނާއަށް ސިހުމާއި ހައިރާންކަން ގެނުވިކަމަށެވެ.

މިމައްސަލަ ޓްވިޓާގައި ޓްރެންޑް ވަމުންދާއިރު ގާނޫނީ ވަކީލެއް ކަމަށްވާ ޕްރަޝާންތް ބުޝާން ބުނީ މިއީ އަބުރަށް އުނިކަން ލިބޭ ފަދަ މައްސަލައެއް ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ އެއީ އެހެން ޖާވިދު އަހުތަރަކަށް ވެދާނެ ކަމަށެވެ.

ޖާވިދު އަހުތަރާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޝަބާނާ އަޒްމީ މީގެ ކުރިންވެސް ވަނީ ޕާކިސްތާނާއި އިންޑިއާއާއި ދެމެދު ސަގާފީ ހަރަކާތްތައް ހިއްސާކުރުމަށް ގޮވާލާފައެވެ.

އޯމަންގް ކުމާރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި "ޕީ.އެމް ނަރޭންރާ މޯދީ"ގައި މޯދީގެ ރޯލުން ފެނިގެންދަނީ ވިވެކެ އޮބެރޯއީއެވެ.

ސިނަމާ ސްކްރީންތަކާއި ހަމައަށް "ޕީ.އެމް ނަރޭންރާ މޯދީ" އަންނާނީ އިންޑިއާގެ އާންމު އިންތިހާބުގެ ހަފުތާއެއްހާ ދުވަސްކުރިން އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.