އަމިއްލަ ފަރާތަކުން ވިއްކި ކަމަށް ބުނާ ގަސްތަކަކަށް ދެ މިލިއަން ޑޮލަރު ހޯދަން ކުރި ދައުވާއަކީ އާންމު އުސޫލާއި ހިލާފު ދައުވާއެއް ވެލާ ރިސޯޓް ހިންގާ ކުންފުނި، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ގްލެޑޯނިއާ) އިން ބުނެފިއެވެ.
މިދައުވާއަކީ އެކުންފުނިން ގަތް ކަމަށް ބުނާ ގަސްތަކެއްގެ އަގު ދިނުމަށް އެ ކުންފުނިން ދެކޮޅު ހެދުމާއި ގުޅިގެން ށ.ފޯކައިދޫ، އައްސޭރި، އަހްމަދު އަޝްފާގު އުފުލި ދައުވާއެކެވެ.
މި މައްސަލަ ފެށުނު ހިސާބުން ފެށިގެން ގްލެޑޯނިއާ އިން ބުނަނީ އެކުންފުނިން ގަސްގަނެފައި ވަނީ ސައީދު ނަމަކަށް ކިޔާ ސަޕްލަޔަރެއްގެ އަތުން ކަމަށެވެ. އަދި ގަސް ގަތުމާއި ގުޅޭ ހުރިހާ ލިޔެކިއުމެއް ދެފުށް ފެންނަ ގޮތަށް ހުންނާނެ ކަމަށްވެސް ގްލެޑޯނިއާ އިން ބުނެއެވެ. އަދި އެކުންފުނިން ބުނީ އަޝްފާގަކީ ސައީދު ސަބްކޮންޓްރެކްޓް ކުރި މީހަކަށް ވުމާއި އެކު ސައީދު ސަޕްލައި ކުރި ގަސްތަކުގެ އިތުރުން އަޝްފާގު ދައުވާކުރާ ހަ ޑެލިވަރީ އަކަށް ވެސް އަގު ދީފައިވާނެ ކަމަށެވެ.
އަޝްފާގުގެ މުޅި ދައުވާ ބިނާވެގެން ދަނީ ދޮގު ޑެލިވަރީ ނޯޓްސް (ބޯޓް ނޯޓްސް) ތަކެއްގެ މައްޗަށް ކަމަށް ގްލެޑޯނިއާ އިން ބުންޏެވެ. އެ ކުންފުނިން ބުނީ މި ނޯޓްސަތަކުގެ އަސްލެއް ކޯޓުގެ އަޑުއެހުންތަކުގެ ތެރެއިން ވެސް އެ ކުންފުންޏަށް ފެނިފައި ނުވާކަމަށެވެ. އަދި މި ނޯޓް ތަކުގައި އަގުތައް ހުށަހަޅާފައި ވަނީ ގްލެޑޯނިއާ އިން އަމަލުކުރާ އާންމު އުސޫލާއި ހިލާފަށް ކަންވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ގްލެޑޯނިއާ އިން ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތް ތަކަށް ބޭނުން ކުރަނީ ދިވެހި ރުފިޔާ ކަމަށް އެކުންފުނިން ބުންޏެވެ.
2013 ގައި ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލަ ގްލެޑޯނިއާ އާ އެއްކޮޅަށް ނިމުމާއި ގުޅިގެން އަޝްފާގު ވަނީ 2015 ގައި މި މައްސަލަ ހައި ކޯޓަށް އިސްތިއުނާފް ކޮށްފައެވެ. ހައި ކޯޓުންވަނީ އަޝްފާގާއި އެއްކޮޅަށް މައްސަލަ ނިންމާ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް އަމުރު ކޮށްފައެވެ. އަދި ގަސްތަކުގެ އަގާއި އަދަދު ބަލާ، ބަދަލެއް ދޭން ޖެހޭނަމަ އެ އަދަދެއް ކަނޑައެޅުމަށް މައްސަލަ ވަނީ އަނބުރާ ސިވިލް ކޯޓަށް ފޮނުވާފައެވެ. އޭގެފަހުން ރާއްޖޭގެ ހައިކޯޓުގެ ނިންމުން ރަގަނޅު ނޫންކަމަށް ބެލެވޭ ނުކުތާތަކާއި ހެކިތައް ބަޔާންކޮށް 2017 ވަނަ އަހަރު ގްލެޑޯނިއާއިން ވަނީ ސުޕްރީމް ކޯޓަށް އިލްތިމާސް ހުށަހަޅާފައެވެ. މިހާރު ސުޕްރީމްކޯޓުން ދަނީ މި މައްސަލަ ބަލަމުންނެވެ.
ގްލެޑޯނިއާ އިން ބުނީ މިކަންކަން ހިނގަނިކޮށް އަޝްފާގު ވަނީ ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ގްލެޑޯނިއާއަށް ދެ ސިޓީއެއް ފޮނުވާފައި ކަމަށެވެ. އަދި އޭނާ ފޮނުވި އެއް ސިޓީގައި ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދެފަރާތުގެ ވަކީލުން ބައްދަލުވި ކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
މިމައްސަލައާއި ގުޅޭގޮތުން އަޝްފާގުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
މީ ރަނުން ހުރި ގަސްތަ؟