މަސްތުވާ ތަކެތީގެ މައްސަލަ އެއްގައި، ފުލުހުން ދޫނިދޫގައި ބަންދު ކޮށްފައި، ހުރި މީހަކަށް ގޮޅި ތެރެއަށް ވެއްޓި އަނިޔާ ވީ ކަމަށް، މި މަހުގެ 20 ވަނަ ދުވަހު ފުލުހުން ބުނިބުނުން އޭނާގެ އާއިލާއިން ދޮގު ކޮށްފިއެވެ.
އާއިލާއިން ބުނީ، ފުލުހުންގެ އެވާހަކަތައް ގަބޫލު ނުކުރެވެނީ އެކަމުގައި، ގަބޫލު ނުކުރެވޭ ސަބަބު ތަކެއް ހުރުމުން ކަމުގައެވެ.
މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ބަންދުގައި ހުރި މީހާ ގޮޅި ތެރެއަށް ވެއްޓިފައި ވަނީ އެރޭ ފަތިހު 3:45 އާއި 4:00 ދެމެދު ކަމަށެވެ. އަދި ވަގުތުން ދުނިދޫގައި ހުންނަ މެޑިކަލް ކްލިނިކަށް ގެންގޮސް އޭނާއަށް ފަރުވާ ދީފައި ވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެމީހާގެ އާއިލާއިން 'ދަޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ބޮލުގައި ފަޅައިގެން ގޮސް ހުރިތަން ބެންޑޭޖް ކޮށްފައި ހުރުމުން، އެތަން ފަހާފައި ވާކަމުގެ ލިޔުމެއް ދިނުމަށް އައިޖީއެމްއެޗްއިން އޭނާ ބެލި ޑޮކްޓަރު އެދުނު ކަމަށެވެ. އެކަމަކު ފުލުހުން އެކަމުގެ ލިޔުމެއް ދީފައި ނުވުމުން، ޑޮކްޓަރު ބޭނުންވީ، ބޮލުގައި އަޅާފައި އޮތް ބޭސްގަނޑު ނަގާ ބެލުމަށް ކަމަށް އެމީހާގެ އާއިލާއިން ބުނެއެވެ.
އަދި އާއިލާއިން ބުނީ، ބޭސް ގަނޑު ނެގުމުން، އެތަން ފަހާފައި ނުވާކަން، އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް އެނގުނު ކަމަށެވެ. އަދި އެ ޒަހަމަކީ، ތާޒާ ޒަހަމެއްތޯ، ޑޮކްޓަރު ކުރެން ސުވާލު ކުރުމުން، ޑޮކްޓަރު އެވާހަކައަށް އިންކާރު ކޮށްފަައި ވާކަމަށް ވެސް އާއިލައިން ބުނެއެވެ.
"އަޅުގަނޑުމެން ބުނީ ތީ ފްރެޝް ކަޓެއް ހެއްޔޭ، ފްރެޝް ކަޓެއް ވެއްޖެއްޔާ އޭގެ މާނަ އަކީ، އެއީ މިސާލަކަށް އެދުވަސް ނޫނީ، އޭގެ އެއްދުވަސް ކުރިން. ޑޮކްޓަރު ބުނީ ނޫނެކޭ، ތަނުގަ އެބަހުއްޓޭ ދޮސް ހެދިފަ މިހާރު، އޭގެ މަނައަކީ ދުވެސްވެފައޭ އެހުރި ފަޅައިގެން ދިޔަތާ، ދެއްތޯ. އެއީ، އެހެން ވީމަ ގޮޅިއަށް ވެއްޓުނު ވާހަކައާ އަސްލު ދިމާ ނުވާ ހިސާބަކީ އެއީ، އެއީ އައިޖީއެމްއެޗުން ބެލި ޑޮކްޓަރު ބުނީ އެއީ ފްރެޝް ކަޓެއް ނޫން ކަމަށާ އެތާ ދޮސް ހުރިކަމަށް" އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައިވަނީ، ނަފްސާނީ މައްސަލަ ވެސް ހުންނަ އެމީހާގެ ބޮލުގެ ފުއްކިބަ ޒަހަމް ވެފައި ހުރުމުގެ ސަބަބުން ދޫނިދޫ ކްލިނިކުން އޭނާގެ ބޮލުގައި ބޭސް އަޅާފައި ވާކަމަށާ، ނަމަވެސް، އޭނާ އަމިއްލައަށް ބޭސް ގަނޑު ނައްޓާލައިފައިވާ ކަމަށެވެ. އަދި ފުލުހުން އޭގެ ފަހުން އަނެއްކާވެސް ދޫނިދޫ މެޑިކަލް އަށް ގޮސް އޭނާގެ ބޮލުގައި ބޭސް އަޅައިފައިވާ ކަމަށް މައުލޫމާތު ދީފައި ވެއެވެ.
މީގެ އިތުރުން 4 ފަހަރަށް އޭނާ ޑޮކްޓަރަށް ދައްކާފައި ވާކަމަށް، ފުލުހުން ބުނާ ބުނުން ވެސް އާއިލާއިން ދޮގު ކޮށްފައިވެއެވެ. އާއިލާ އިން ބުނީ، އޭނާ އާ ހަވާލު ވީއިރު ދީފައި ވަނީ ޑޮކްޓަރުގެ އެންމެ ލިޔުމެއް ކަމަށާ، އެލިޔުމުގައި ވާގޮތުން އޭނާ ޑޮކްޓަރަށް ދައްކާފައި ވަނީ ހަމަ އެކަނި މިމަހުގެ 17 ވަނަ ދުވަހުއެވެ.
އާއިލާއިން އިތުރަށް ބުނީ، ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓާތާ، 13 ދުވަސް ފަހުން އޭނާ ދޫކޮށްލި އިރު އެއްވެސް ވަރަކަށް އަނގައިން ވެސް ނުބުނެވޭ ކަމަށެވެ. އަދި އޭނާއަށް ނުވެސް ހިނގޭ ކަމަށް ވެސް އާއިލާއިން ބުނެއެވެ. އެކަމަކު މިހާރު އޭނާއަށް ވާހަކަ ދެއްކޭ ވަރު ވާކަމަށާ އެނާ ވެސް އެކަމާ ގުޅުން ހުރި ބައެއް ވާހަކަތައް މިހާރު ކިޔައިދީފައި ވާކަމަށް އާއިލާއިން ބުނެއެވެ.
އަނިޔާވި މީހާއާ ހަވާލާދީ އާއިލާއިން ބުނީ، 2 ވަނަ ފަހަރަށް ކޯޓަށް ގޮސް ބަންދުގެ މުއްދަތު ޖެހިފަހުން، އޭނައަށް ވާނުވާ ނޭނގޭ ކަމުގައެވެ. އަދި ކޮންމެ ރެޔަކު ދަންވަރު، ގޮޅިން ނެރެގެން ގެންގޮސް ބަޔަކު އޭނާގެ ގައިގާ ތަޅާކަމަށް ވެސް އޭނާ ބުނި ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
"އޭނަ ބުނީ ތިމަންނަ ދެ ވަނަ ފަހަރަށް ކޯޓަށް ގެންގޮސް 5 ދުވަސް ޖެހި ފަހުން، ދެން ތިމަންނަ އަކަށް ވާނުވާ އެއް ނޭނގޭ ކަމަށް، އެމީހުން ތިމަންނަ އަށް ހަދާ ގޮތެއް، އޭނަ ބުނީ ރޭގަނޑު ގޮޅިން ނެރެނީ އޯ، ދަންވަރު މާސްކު އަޅައިގެން ތިބި ބަޔަކޯ ތަޅަނީ، ދޯ، ދެން އެހެން ނޭނގެޔޯ ތިމަންނައަކަށް ވެސް ވާނުވާ އެއް، ވަރަށް އާދޭސް ކުރީމޯ ބޭސް ކޮށްދޭން ތިމަންނައަށް، ތިމަންނައަކީ ނަފްސާނީ މައްސަލަ އަކަށް ބޭސް ކާ މީހަކަށް ވާތީ" އައިލާއިން ބުންޏެވެ.
އާއިލާއިން ބުނީ އެމައްސަލަ މިހާރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށައަޅާފައި ވާކަމަށެވެ.
ގަބޫލުކުރިޔަސް ނުކުރިޔަސް ފަތްބޯ މީހުންގެ ހާލު ހުންނާނެ ގޮތް ވަރަށް ގިނަ މިހުނަށް އެގޭނެ އެތިކޮޅު ބޭނުންވާ ވަގުތުގަ ނުލިބުނީމަ އަމިއްލަ ހަށިގަނޑަށްވެސް ގެއްލުންދޭ ބަޔެއް އެއީ