އެމްޑީޕީން އާންމުންނަށް ގުޅުމަށްފަހު ފުލެޓް ދޭނެކަމަށް ބުނެ، ކޭމްޕޭން ހަތިޔާރެއްގެ ގޮތުގައި ހައުސިން ބޭނުން ކުރާތީ އެ މައްސަލަ ބެލުމަށް ގިނަ ބަޔަކު އަޑުއުފުލަން ފަށައިފިއެވެ.

އެމްޑީޕީން މީހުންނަށް ގުޅުމަށްފަހު ފުލެޓާއި ގޯލި ލިބިފައިވާ ކަމަށް ބުނެ، ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތަށް ދަރުބާރުގެއަށް އައުމަށް ބުނެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި، ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީ އޮފީހުން ގުޅާ ލިޔުން ހަވާލުކުރާ ބައްދަލުވުމަށް އައއުމަށް ދައުވަތު ދީފައިވާކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން އޮފީހުން މީހުންނަށް ގުޅާ ފުލެޓް ދޭނެކަމަށް ބުނެ ދަރުބާރުގެއަށް މީހުން އެއްކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. "ގާނޫނޫ ހިލާފު ކަމެއް. ދައުލަތުގެ ހައުސިން އަކީ ވަކި މީހެއްގެ ކެމްޕޭން ހަތިޔާރަކަށް ނުހެދޭނެ. ބޯހިޔާވަހިކަމުން ވައްކަން ކުރުން ހުއްޓާލާ" އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީން ގުޅި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ގޯއްޗެއް ލިބުނު ކަމަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށި ވެށިފަހި ޕްރޮގްރާމްގެ ދަށުން ފުލެޓަށް ކުރިމަތިލާ، ޝަރުތު ހަމަވި ނަމަވެސް ފުލެޓް ނުލިބޭތީ މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ގޯތީގެ ލިޔުން ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތު ދަރުބާރުގޭގައި އޮންނާނެ ކަމަށާއި، ލިޔުން ހަވާލުކުރާނީ ރައީސް ނަޝީދު ކަމަށެވެ.

މި މައްސަލައިގައި ޕީޕީއެމްގެ ކުރީގެ އެސްޖީ ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގަން އެމްޑީޕީގެ ކެންޑިޑޭޓުން ވޯޓު ހޯދުމަށް ފުލެޓް ދޭނެކަމަށް ބުނުމަކީ ރިޝަވަތުގެ އަދި ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. އަދި ކެމްޕޭން ކުރުމަށް ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ ވެރިން ބޭނުން ކުރުމަކީ ރައްޔިތުންގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރުން ކަމަށެވެ.

ފުލެޓާއި ގޯތި ދޭން އެމްޑީޕީން ގުޅަމުންދާކަމަށް ބުނި ނަމަވެސް މި ވާހަކަތައް އެމްޑީޕީން ދޮގު ކުރެއެވެ. ނަމަވެސް، ވެށިފަހި މާލެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އެމްޑީޕީގެ ޑެޕިއުޓީ ސެކެެރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ފުލްޓްގެ ޔަގީންކަން ދެނީ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ވެސް ޕްރޮމޯޓް ކުރަނީ އެޖެންޑާ19 ކަމަށް ވާތީ އެޖެންޑާ 19 އަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގާނޫނީ ބާރު ހޯދުމަށް ހުށަހަޅާފައިވާ ސިޔާސަތުތަކަށް ވާތީ، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކީ އެންމެނަށް ބޯހިޔާވަހިކަމާއި ގެދުރުވެރިކަން ކަމަށެވެ.

އެމްޑީޕީން އޮފީހުން ގުޅި ބައެއް ފަރާތްތަކުން ޓްވިޓާއަށް ލާފައިވާ އޯޑިއޯ ވާގޮތުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފުލެޓަށް ކުރިމަތިލާ ފުލެޓް ނުލިބުނު ފަރާތްތަކަށް ގުޅުމަށްފަހު ދާންވީތަނަކާއި ގަޑިއެއް އަންގާނެކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ގޯއްޗާއި ފުލެޓް ކަށަވަރުވެފައިވާ ކަމަށް ބުނެ އެމްޑީޕީން ގުޅަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ.