ޕޮޕްލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ނަމަށް ނަން ބަދަލުކުރި އޭނާގެ ފޭނެއް، އެނަން ބަދަލުކުރަން އަނެއްކާވެސް ވިސްނައިފިއެވެ.

2009 ވަނަ އަހަރު މަރުވި މައިކަލް ޖެކްސަންގެ ފޭން ނަން ބަދަލުކުރަން ނިންމީ، މައިކަލް ޖެކްސަންއާއި ބެހޭ ގޮތުން "ހުތުރު" ވާހަކަތަކެއް ފެންމަތިކޮށްފައިވާ "ލީވިންގް ނެވާލަންޑް" ޑޮކިއުމަންޓްރީއާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯން ލޯމަސް ނަމަކަށް ކިއާ މީހާ، މައިކަލް ޖެކްސަންގެ ނަމަށް ބަދަލު ކުރުމަށްފަހު އަލުން އަނބުރާ ޖޯން ލޯމަސްއަށް ނަން ބަދަލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ފަށާފައެވެ. ނަމަވެސް އެ ފަންޑަށް ފައިސާ ޖަމާކޮށްދޭނެ މީހަކު އަދި ނުވެއެވެ.

ޖޯން ލޯމަސް ބުނާ ގޮތުގައި، މައިކަލް ޖެކްސަންއާއި ގުޅުންހުރި އެކި އެއްޗިހި ގަތުމަށް އޭނާގެ ހަޔާތުގައި މިހާތަނަށް 1.3 މިލިއަން ޑޮލަރު ވާނީ ޚަރަދު ކުރެވިފައެވެ.

އެސްޕާޖަޒް ސިންޑްރޯމް ހުންނަ ކޯން ލޯމަސް މީގެ ކުރިން ވަނީ ދަ ބީޓްލްސްގެ ފޭންއެއްގެ ގޮތުގައި ޖޯން ލެނަންއަށްވެސް އޭނާގެ ނަން ބަދަލުކޮށްފައެވެ.