ދުޅަހެޔޮކޮށް ހުރުމުގެ ނަމުގައި، އަމިއްލަ ހަށިގަނޑަށް މޭވާގެ ދިޔަ އިންޖެކްޓްކުރި ޗައިނާގެ އަންހެނަކު ކިރިއާ މަރުނުވެ އޮއްވާ ސިއްހީ ފަރުވާދީފިއެވެ.

އުމުރުން 51 އަހަރުގެ މި އަންހެން މީހާގެ ލިވާގެ އިތުރުން ކިޑްނީއާއި ހިތާއި ފުއްޕާމޭވެސް ހަލާކުވެފައިވާއިރު، އިންޓެންސިވް ކެއާ ޔުނިޓުގައި 5 ދުވަސް ވަންދެން ވަނީ ފަރުވާދީފައެވެ.

މި އަންހެން މީހާގެ ގަޔަށް އަމިއްލައަށް ޖަހަމުންދިޔަ މޭވާ ދިޔައިގެ އިންޖެކްޝަންތަކުގައި ވިއްސަކަށް މޭވާގެ ބާވަތްތައް އެކުލެވޭ ކަމަށް ހޮސްޕިޓަލުގެ މަސްދަރަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގަޔަށް މޭވާ ދިޔަ އިންޖެކްޓް ކުރުމާއެކު އެމީހާގެ ގައި ކަހަން ފަށާ، ހުން ގަދަވާން ފެށި ކަމަށްވެއެވެ.

މި އަންހެން މީހާގެ ވާހަކަ ފެންމަތިވުމާއެކު، ސިއްހީ ކަންކަމުގެ އަސާސީ މައުލޫމާތު މީހުންނަށް ބޭނުންވާ މިންވަރުގެ މުހިންމު ކަމުގެ ވާހަކަ، ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވާން ފަށާފައެވެ.

ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މި އަންހެން މީހާ މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.