ހުއްދަ ނަގައިގެން އިސްތިހާރު ހިއްޕަން ޖެހޭ ތަންތަނުގައި ހުއްދަ ނުހޯދާ އިސްތިހާރު ހިއްޕާ ދައުލަތުގެ މުއައްސަސާތަކުގެ ފާރުގައި ހިއްޕާނަމަ ޖޫރިމަނާ ކުރާނެ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބާއި ގުޅިގެން ބައެއް ހިސާބުތަކުގައި ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކޮށްފައި ވާއިރު، ސަރުކާރުގެ އިމާރާތްތަކުގެ ފާރުގައާއިި، ޔުޓިލިޓީސްއަށް ބޭނުން ކުރާ ފޮށިތަކުގައި އަދި އާންމުންނަށް އުނދަގޫވާ ގޮތަށް ބެނާތައް ވަނީ ދަމާފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ބައެއް ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
މާލޭގެ އެކި ތަންތަނުގައި އިސްތިހާރު ހިއްޕުމާއި ގުޅޭގޮތުން ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޭމަންޓް މަތީ ހޮޅިޖަހައިގެން އިސްތިހާރު ކުރެވޭނީ ހުއްދަ ނަގާ ދައުލަތަށް ފައިސާ ދައްކައިގެން ކަމަށެވެ. އަދި ގޭގޭގެ ފާރުގައި ޖެހޭނީ އެގެއެއްގެ ވެރިފަރާތުގެ ހުއްދަ ނަގައިގެން ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ފާރުގައި ހިއްޕާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފީއަކާ ނުލައި މާލޭ ސިޓީގައި އިސްތިހާރު ހިއްޕުމުގެ ހުއްދަ ދިނުމަށް ސިޓީކައުންސިލުން ވަނީ ނިންމާ އެކަމާއި ގުޅޭ އުސޫލުތަކެއް ވެސް ހާމަކޮށްފައެވެ. އަދި އިސްތިހާރު ހިއްޕުމުގެ ކުރިން ސިޓީ ކައުންސިލަށް އެކަން އެންގުމަށް ވެސް އެކައުންސިލުން ވަނީ މީގެ ކުރިން އެދިފައެވެ.
މި އުސޫލުގައި ބުނާގޮތުން، ހުއްދަ ނުނަގާ އިސްތިހާރު ހިއްޕައިފިނަމަ އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހުއްދަ ނުނަގާ އިސްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް 1000 ރުފިޔާ އާއި 2000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އިސްތިހާރު ނަގަންޖެހޭ މުއްދަތު ހަމަވުމުން އިސްތިހާރު ނުނަގާ ހިނގާ ކޮންމެ ދުވަހަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި އިސްތިހާރު ހަރުކުރުމަށް ހުށަހަޅާއިރު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގެ މެމްބަރެއް ކަމުގެ ލިޔުން އިލެކްޝަންގެ ލިޔުމާއި، ހަރުކުރަން ބޭނުންވާ އިސްތިހާރެއްގެ ކުލަ ހާޑްކޮޕީއަކާ، ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިސްތިހާރެއްނަމަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ނަގަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ދަމާފައިވާ ބެނާ އިސްތިހާރުގެ ސަބަބުން އާއްމުރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެނަމަ އިސްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިޝްތިހާރެއް ނަމަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކޮށްފައިވާ ހުއްދައިގެ ކޮޕީ ހުށަހަޅަން ޖެހުމާއި، އަމިއްލަ ފަރާތެއްގެ އިމާރާތުގައި ހަރުކުރާނަމަ، އެފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީ ހުށަހެޅުމާއެކު، ހުއްދަ ދޫކުރި ތަން އަދި ހަރުކުރަން ހުއްދަ ކުރިގޮތް އެނގެން އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ.
އިޝްތިހާރު ނުހިއްޕޭނެ ތަންތަނުގެ ތެރޭގައި ދައުލަތުގެ އިމާރާތް ތަކުގައާއި، ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރުގައާއި، ސަހަރާތަކުގައާއި، ޕާކުތަކުގައާއި އަދި ޔުޓިލިޓީސް ހިދުމަތް ދިނުމަށް މަގުމަތީ ހަރުކޮށްފައިވާ ފޮށިތަކުގައާއި، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޑަސްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައި ހުންނަ ފެންސްތަކުގައި އިޝްތިހާރު ބެހެއްޓުމަކީ ނުވަތަ ހިއްޕުމަކީ މަނާކަމެއް ކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.
އަދި މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިޝްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާ ކަމެއް ކަމަށާއި، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް މަގުމައްޗަށާއި، މަގުމަތީގައި ހުންނަ އެއްޗިއްސަށާއި، ވެހިކަލްތަކަށާއި އެނޫންވެސް ތަންތަނަށް އެޅުމަކީ މަނާ ކަމެއް ކަމަށް މި އުސޫލުގައި ވަނީ ބުނެފައެެވެ.