ފިލްމް "ނޯޓްބުކް"އަށް އޭނާގެ ހިތްގައިމު އަޑުން ކިއާދީފައިވާ ލަވަ "މޭ ތާރޭ" އާއިއެކު، ސަލްމާން ހާންގެ ގިނަ ފޭނުންތަކެއްގެ ހިތްތަކާއި އޭނާ ކުޅެލައިފިއެވެ.

މިލަވަޔަށް އެކްޓްކޮށްފައިވަނީވެސް ސަލްމާން ހާންއެވެ.

"މޭ ތާރޭ" އަޑުއެހި ފަރާތްތަކުން ސިފަކުރި ގޮތުގައި، މިއީ ހިތުގެ އެންމެ ހިތުގެ އެންމެ ހިމަ ނާރުތަކާއިވެސް ކުޅެލާ ފަދަ ޖަޒުބާތެއް ލިބިފައިވާ ލޯބީގެ ލަވައެކެވެ.

މި ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ފިލްމު "ނޯޓްބުކް"ގައި ޕްރަނުތާން ބާލްއާއި ޒަހްރީރު އިގުބާލުގެ ކެރެކްޓަރުތަކުގެ މެދުގައި އުފެދިގެން ލޯބީގެ ގުޅުން ބަދަހިވެގެންދާ ގޮތެވެ.

"މޭ ތާރޭ" ގެ ލިރިކްސް ލިޔެފައިވަނީ މަނޯޖް މުންތަސިރެވެ. މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ ވިޝާލް މިޝްރާއެވެ.

"ނޯޓްބުކް"އަށް މިލަވަކުރިން ކިއާދީފައި އޮތީ އާތިފް އަސްލަމްއެވެ. ނަމަވެސް، ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޕުލްވާމާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން، ޕާކިސްތާނުގެ ފަންނުވެރިންނަށް ބޮލީވުޑްގައި މަސައްކަތް ނުކުރެވޭ ގޮތަށް ނިންމުމާއި ގުޅިގެން، ޕްރޮޑިއުސަރުން ނިންމީ ލަވަ އަލުން ރެކޯޑްކުރުމަށެވެ.

ސަލްމާން ހާންއަކީ މީގެ ކުރިންވެސް ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިއާދީފައިވާ ފަންނާނެކެވެ. އެގޮތުން "ހޭންގްއޯވާ"، "މޭ ހޫ ހީރޯ ތޭރާ" ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ.

ސަލްމާން ހާން ޕްރޮޑިއުސްވެސް ކޮށްފައިވާ ފިލްމް "ނޯޓްބުކް"ގެ ޑައިރެކްޓަރަކީ ނިޓިން ކައްކާރެވެ. ބޮލީވުޑަށް އަލަށް ނިކުންނަ ޒަހްރީރު އިޤުބާލްއާއި ޕްރަނުތާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ކަޝްމީރުގެ ހިތްގައިމު ސަރަހައްދުގައެވެ. ސިނަމާތަކަށް "ނޯޓްބުކް"އަންނާނީ މި މާޗްމަހުގެ 29 ވާ ހުކުރު ދުވަހުއެވެ.