ގދ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓު އަބްދުލް މުޣުނީ އަށް އޮތް އެމްޑީޕީގެ ތާއިދު އަނބުރާ ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީ އަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އަސާސްތަކާ ހިލާފު ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައިވާތީ މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
"ވަރަށް ފަހަކަށް އައިސް ސޯޝަލް މީޑިއާގައާއި ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައިވެސް މިހާރު ފެނިގެން އެބަދޭ އެމްޑީޕީގެ ކެނޑިޑޭޓަކަށް ގެވެށި އަނިޔާގެ ތުހުމަތު، ވަރަށް ސީރިއަސް ތުހުމަތުތަކެއް، ކުރެވިފައިވާތަން، މިކަމާމެދު އަޅުގަނޑުމެން ޕާޓީގެ ތެރެއިން މަޝްވަރާކޮށް ނިންމިފައިވަނީ އެމްޑީޕީން ތިނަދޫ އުތުރުގެ ކެނޑިޑޭޓަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންދިއުމަށް، އަދި އެ ކެންޑިޑޭޓުގެ އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދު ވެސް އަދި އެހެން ބޭފުޅެއްވެސް ބައިވެރިވެ ވަޑައިނުގަންނަވާނެ،" އަފްޝަން ވިދާޅުވިއެވެ.
އެމްޑީޕީގެ މި ނިންމުމަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ތައުރީފްކުރައްވާ ޓްވީޓެއް ކުރައްވައިފައެވެ.
މުޣުނީ ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ ނޮވެމްބަރު މުހު މުޣުނީގެ ކުރީގެ އަންހެނުން އައިޝަތު ރިޒްނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެނިޔާއިން ސަލާމަތްވެފައިވަނީ ވަރަށް ގިނަ ދުވަހު އަނިޔާތަކަށް ތަހައްމަލްކޮށްފައި ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާ އޭނާއާއި ކުރިމަތިލާންޖެހިފައި މިވަނީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އޭނާ ކުރިމަތިލާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް މިފަދަ މީހުން އައްޔަން ކުރުމުގެ ފުރުސަތު ދޭނަމަ އަންހެނުންނަށް ކުރަމުންދާ އަނިޔާތަކަށް ނިމުމެއްނެތް ކަމަށެވެ.
ނަމަވެސް މުޣުނީ ވަނީ އެއީ ސިޔާސީ ބޭނުމަކަށް އިދިކޮޅު ކެންޑިޑޭޓުން ހިންގާ ޖަރީމާއެއްކަމަށް ބުނެ އެތުހުމަތު ދޮގު ކޮށްފައެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.
މުޣުނީގެ އިތުރުން އެ ދާއިރާއަށް ވާދަކުރަނީ ދެ ކެންޑިޑޭޓެކެވެ. އެއީ މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަމުންގެންދަވާ ސައުދުﷲ ހިލްމާއާއި، އިކްލީލް އާދަމެވެ. އެ ދެ ކެންޑިޑޭޓުން ވެސް ވާދަކުރަނީ އަމިއްލަގޮތުންނެވެ.