ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ، އެކުގައި މަސައްކަތް ކުރި ޕާޓީތަކުން ގަބޫލުކުރި ވައުދުތައް ކަމަށާއި، އެ ވައުދުތައް ރައްޔިތުންނަށް ފުއްދައިދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސްގެ އުފަން ރަށުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް އެއް އަޑަކުން އެއް ބަހަކުން އޭރު ތާއީދުކޮށް ހުރިހާ ބޭފުޅުން އެމަނިކުފާނާ އެކު ނުކުމެ ތިއްބެވި ކަމަށާއި، އެ ވައުދުތައް ފުއްދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރައްވަން "މަޖުބޫރު" ވެވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަނިޔާވެރިކަން ރާއްޖެ އިން ނައްތާލުން. ކޮރަޕްޝަންގެ ވަބާ ފޮހެލުން. ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ވަކި ރަށެއް، ވަކި އަތޮޅެއް، ކުޑައެއް، ބޮޑެއް ނެތި ހުރިހާ އެންމެންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ބަދަލު ގެނައުން. މިހެން ގޮސް އެތައް ކަމެއް އެއީ އަޅުގަނޑު ވެފައި ހުރި ވައުދުތަކެއް" ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، އެއިރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމުން އިސް ދައުރެއް އަދާކުރި ކަމަށާއި މިއަދު ކުރާ މަސަތްކަތުން އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނަހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މި ވެރިކަމުގައި ހުރިހާ ދުވަހަކު އިރާދަކުރެއްވިއްޔާ އެއިން އެއްވެސް ބޭފުޅެއްގެ މަތިން ހަނދާނެއް ނެތިގެން ނުދާނެ. އަދި އަޅުގަނޑު މިއަދު ކުރަން ނިކުމެ މިހުރި މަސަތްކަތުން އެއިން އެއްވެސް ބޭފުޅަަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ އެޖެންޑާއެއް އެކުލަވާލެއްވި އިރު، އެއް އަހަރު ދުވަހުގެ އެޖެންޑާއަކާއި ފަސް އަހަރުގެ މާސްޓަ ޕްލޭނެއް ހައްދަވާފައިވާ ކަމަށެވެ. އަދި އެ ވައުދުތައް ފުއްދެވުމަށް އެންމެ ހިނދުކޮޅަކު ވެސް މަޑު ޖެހިވަޑައިގަތިމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މަޖިލީހުގެ ދައުރު މުހިންމު ކަމަށާއި، މަޖިލީހުގައި ތިއްބަވަން ޖެހޭނީ އެ ވައުުދުތައް ގަބޫލުކުރާ މެންބަރުން ކަމަށާއި، އެހެން ނޫން ނަމަ ވައުދު ފުއްދެވުމުގައި ސަރުކާރަށް ދަތިވާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސްތަކަތް ކުރިއަށް ދާ ގޮތަށް އިޝާރާތް ކުރައްވައި ރައިީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީ ވައުދުތަކަަށް ތާއީދު ކުރާ މެމްބަރުން ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ގާނޫނުތައް ހަދައި ގާނޫނުގެ ތެރެއިން ބާރުތައް ހޯދަންޖެހޭ ކިތަންމެ ކަމެއް އެބަ ހުރި ކަމަށާއި މަޖިލީހުގައި ސަރުކާރަށް ތާއީދު ނުވަތަ މެޖޯރިޓީ ނެތްނަމަ ސަރުކާރު ހިންގުމަށް ބުރޫ އަރާނެކަމަށެވެ.

ރައީސް ވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހޮވައި ދިނުމަށް އެދިވަޑައިގެން އެޖެންޑާ 19 އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.