އިންޑިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ވޯޓުލުމާއި ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ކެމްޕޭން ހަރަކާތްތައް ޓްވީޓާ މެދުވެރިކުރައްވާ ބޮލީވުޑަށް އަމާޒުކުރައްވައިފިއެވެ.

މޯދީވަނީ 1990ގެ އަހަރުތަކުގެ ބްލޮކްބަސްޓާ ފިލްމް "ކަބީ ކުޝީ ކަބީ ޣަމް"އަށް އިޝާރާތްކުރައްވާ، "ހުރިހާވެސް ކަމަކީ ޑިމޮކްރަސީ ދެކެ ލޯބިވުން" ކަމުގައި ވިދާޅުވެ ޓްވީޓެއް ކުރައްވާ، ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވާފައެވެ. މޯދީވަނީ، މި ފިލްމުގެ ލީޑުން ފެނިގެންދިޔަ ޝާހްރުކް ޚާންއާއި އަމީތާބް ބައްޗަންއާއި ޑައިރެކްޓާ ކަރަން ޖޯހަރުވެސް މި ޓްވީޓްގައި ޓެގް ކުރައްވާފައެވެ.

ސަލްމާން ޚާންއާއި އާމިރު ޚާންއަށް ޓްވީޓް ކުރައްވަމުން މޯދީ ވަނީ، އަދުގެ ޒުވާނުންނަށް ޒުވާނުންގެ ގޮތުގައި، ޒުވާނުންގެ ސްޓައިލްގައި އިންޑިއާގެ ޑިމޮކްރަސީ ވަރުގަދަކޮށް އަމިއްލަ ގައުމު ދެކެ ލޯބިވުމުގެ ރޫހު ޕްރޮމޯޓް ކޮށްދެއްވުމަށް "އަންދާޒް އަޕްނާ އަޕްނާ"އަށް އިޝާރާތް ކުރައްވާ، ވިދާޅުވެފައެވެ.

މީގެ އިތުރުން އެތަރިންނަކީ ނުފޫޒުގަދަ ތަރިންތަކެއް ކަމަށާއި، އެ ތަރިން ދޭ މެސެޖުތަކަކީ އާންމު ރައްޔިތުންނަށް މުހިންމު މެސެޖުތަކަކަށް ވާނެ ކަމަށް ވިދާޅުވެ، މޯދީ ވަނީ ދިޕިކާ ޕަދުކޯންއާއި އަނޫޝްކާ ޝަރުމާ ފަދަ ފަންނުވެރިންނަށްވެސް ޓްވީޓް ކުރައްވާފައެވެ.

މޯދީއާއި ބޮލީވުޑްގެ ގުޅުމަކީ މުޅިން އާ ގުޅުމަކަށް ނުވި ނަމަވެސް، މިފަހަކަށް އައިސް މޯދީއާއި ބޮލީވުޑްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން، އޭޕްރިލް މަހާއި މެއި މަހު އިންޑިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ވޯޓާއި ދިމާކޮށް، ސީދާ އެކަމަށް ހާއްސަކޮށްގެން، ސަރުކާރާއި އެއްކޮޅު ފިކުރުގެ 2 ފިލްމެއްވެސް މިއަހަރު ވަނީ ރިލީޒްކޮށްފައެވެ.