މަޝްހޫރު ޔޫއެފްސީ ތަރި ކޮނާ މެކްގްރެގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލައިފިއެވެ.

މައޭމީއިން ކޮނާ މެކްގްރެގާ ހައްޔަރުކޮށްފައިވަނީ، އޭނާގެ ފޮޓޯ ނަގަން މަސައްކަތްކުރި ފޭންއެއްގެ ފޯނު ހަލާކުކޮށްފި މައްސަލައާއި ގުޅިގެންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ކޮނާ މެގްގްރެގާ މިވަގުތު ހުރިއިރު، އޭނާއާއި ދެކޮޅަށް މިހާރު ވަނީ ދައުވާވެސް އުފުލާފައެވެ. އޭނާއާއި ދެކޮޅަށް އުފުލާފައިވަނީ ގަސްތުގައި އެއްޗެއް ފޭރިގަންނަން އުޅުނުކަމުގެ ޖިނާއީ ކުށުގެ ދައުވާއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ފޭންއެއްގެ އަތުގައި އޮތް ފޯނު ގަދަކަމުން ބިންމައްޗަށް ވައްޓާލުމަށްފަހު އެއަށް ފައިން އަރާފައިވާކަމަށެވެ. އަދި އެއަށްފަހު ކޮނާ މެކްގްރެގާ އެސަރަހައްދުން ދިޔައީ ފޯނުވެސް ހިފައިގެން ކަމަށް ފުލުހުންނަށް ރިޕޯޓްކުރި މައްސާލަގައި ވަނީ ފާހަގަކޮށްފައެވެ. މި ފޯނަކީ 1000 ޑޮލަރުގެ ފޯނެއްކަމަށްވެއެވެ.

ފުލުހުންގެ ބަންދުން މިނިވަންކުރުމާއިއެކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ކޮނާ މެގްރެގާ ބުނެފައިވަނީ، ކެތްތެރިކަމަކީ އަދިވެސް އެކަމެއް ހާސިލުކުރުމަށް އޭނާ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާ، އޭނާއަކީ އަބަދުވެސް ފޭނުން ދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމަށެވެ.

އިދިކޮޅު ތެޅުންތެރިން ތިބި ބަހަކަށް ހަމަލާ ދިން މައްސަލާގައި މިދިޔަ އަހަރު ކޯޓަކުން ވަނީ، ރުޅިމަޑުކުރަން ދަސްކޮށްދޭ ކޯހެއް ހެދުމަށްވެސް ކޮނާ މެގްރެގާގެ މައްޗަށް އަމުރުކޮށްފައެވެ.