މި މަސް ނިމުމުގެ ކުރިން ކަރަންޓް އަގު ހެޔޮ ކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ސާވޭތަކާއި މަޝްވަރާތައްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، ފެންކަ ކޯޕަރޭޝަން އަދި މޯލްޑިވެސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގުޅިގެން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ޑްރާފްޓެއް އެކުލަވާލައި ރައީސް އޮފީހަށް ޑްރާފްޓް ފޮނުވާފައިވާ ކަމަށެވެ.

ކަރަންޓް އަގު ކުޑަކުރުމަށް ކަނޑައަޅާފައިވާ މިންވަރެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް މިނިސްޓްރީން އެކުލަވާލި ޑްރާފްޓް ރައީސަށް ހުށަހަޅާ އަގުތައް ފައިނަލް ކުރުމަށްފަހު، މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަރަންޓަށް އާއްމުންގެ އަތުން ކުރާ ހޭދަ ކުޑަ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޔޫޓިލިޓީ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ވައުދަކަށް ވެފައި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން ކަރަންޓު އަގުހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ ކަރަންޓް ޓެރިފްތައް އެއްވަރުކޮށް އަގުތައް ވަނީ ކުޑަކޮށްފައެވެ.