ޖުމްހޫރީ ޕާޓީން އިދިކޮޅު 36 ކެންޑިޑޭޓަކަށް ތާއިދުކުރަން ނިންމައި އެކަން ހާމަކޮށްފިއެވެ.

ޖޭޕީން އިދިކޮޅު ކެންޑިޑޭޓުންނަށް ތާއިދުކުރާކަން ހާމަކުރުމުގެ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހަށް ނުކުންނަ 32 ކެންޑިޑޭޓަކާއި، މޯލްޑިވްސް ޑިވަލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ހަތަރު ކެންޑިޑޭޓަކަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ޖޭޕީން އިދިކޮޅު ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ހާމަކޮށްފައިވަނީ، ޖޭޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތަކުގެ ތެރެއިން، އިދިކޮޅުން ވާދަ ނުކުރާ ދާއިރާތަކުގެ ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް ނިންމާ އެކަން ރަސްމީކޮށް އިއުލާން ކުރުމާއި ގުޅިގެންނެވެ. އިދިކޮޅުން ޖޭޕީގެ 51 ކެންޑިޑޭޓުންގެ ތެރެއިން 37 ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް ވަނީ ނިންމާފައެވެ.

ގާސިމް ވިދާޅުވީ އެގޮތަށް އެއްބަސްވެފައިވަނީ މަޖިލިސް އިންތިހާބުގައި ދެފަރާތުންވެސް ވާހަކަ ދެއްކުމަށްފަހު ދެފަރާތަށް ވެސް ފައިދާވާނެ ގޮތަށް ގިނަ ގޮނޑި ނެގުމަށް ކަމަށެވެ. އަދި މި ގޮތަށް އިދިކޮޅާއެކު އެއްބަސްވުމަކަށް ވަޑައިގަތީ، މަޝްވަރާ ކުރެވިގެން ކަމަށާއި، އެ މަޝްވަރާތައް ރައީސް ޔާމީން ޖަލަށް ގެންދިޔުމުގެ ކުރިން ވެސް ކުރައްވާފައިވާ ކަމަށެވެ.

ޖޭޕީން ކެންޑިޑޭޓުން ނެރެފައިވާ ދާއިރާތަކުގެ ތެރެއިން 14 ދާއިރާއަކަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކެންޑިޑޭޓުން ނެރެފައެވެ. ނަމަވެސް އެދާއިރާ ތަކުގައި ޖޭޕީން ތާއިދުކުރާނީ އެޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް، ދެފަރާތުގެ ކެންޑިޑޭޓުން ވާހަކަ ދެއްކުމަށްފަހު ވަކި އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.